ޖަޕާނުގެ ޔުނިވަރސިޓީއެއްގެ ދަރިވަރުން ދަސްވެނިވުމުގެ ހަފްލާއެއްގައި ރޮބަޓުތަކެއް މެދުވެރިކޮށް ބައިވެއްޖެއެވެ.
ދުނިޔޭގައި މިހާރު ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޯވިޑް-19 ވައިރަހުން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ގިނަ ޤައުމުތަކުންވަނީ އާއްމުން އެއްވެ އުޅުން މަދު ކުރުމަށްޓަކައި ސްކޫލްތަކާއި ރެސްޓޯރެންޓްފަދަ ތަންތަން ބަންދުކޮށްފައެވެ.
މިއާއެކު ސްކޫލްތަކާއި ޔުނިވަރސިޓީތައްފަދަ ކިޔަވައިދޭ ތަންތަނުގެ ދަސްވެނިވުންތައް ވަނީ ފަސްކޮށްފައެވެ. އެހެން ނަމަވެސް މި ހުރަސްތަކާއެކުވެސް ޖަޕާނުގެ ބިޒްނަސް ބްރޭކްތުރޫ ޔުނިވަރސިޓީން މިވަނީ ތަފާތު ގޮތަކަށް ދަސްވެނިވުމުގެ ހަފްލާ ބާއްވާފައެވެ.
އެ ޔުނިވަރސިޓީގެ ދަރިވަރުން ދަސްވެނިވުމުގެ ހަފްލާގައި ބައިވެރިވެފައިވަނީ ރޮބަޓުތަކެއް މެދުވެރިކޮށެވެ. "ނިއުމީ" މޯބައިލް ރޮބަޓުތައް ބޭނުންކޮށްގެން މި ދަރިވަރުން ދަސްވެނިވުމުގެ ހަފްލާގައި ބައިވެރިވެފައިވަނީ ވީޑިއޯ ކޯލެއް މެދުވެރިކޮށެވެ. ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ކުރި މި ވީޑިއޯ ކޯލް ކުރަން ބޭނުންކޮށްފައިވަނީ ރޮބަޓްތަކުގައި ހަރުކޮށްފައިހުރި ޓެބްލެޓްތައް ބޭނުން ކޮށްގެންނެވެ.
ޓޯކިއޯގެ ގްރޭންޑް ޕެލެސް ހޮޓެލްގައި ބޭއްވި މި ހަފްލާގައި ރޮބަޓްތައް މެދުވެރިކޮށް ބައިވެރިވި ދަރިވަރުންގެ އިތުރުން އެ ޔުނިވަރސިޓީގެ ބައެއް އެޑްމިނިސްޓްރޭޓަރުންނާއި، ހަތަރު ދަރިވަރަކު ބައިވެރިވެފައިވެއެވެ.
މި ހަފްލާ ވީހާވެސް އަސްލާ އެއްގޮތް ކުރުމަށްޓަކައި އާއްމުކޮށް ދަސްވެނިވުމުގެ ހަފްލާއެއްގައި ހިމެނޭ ހުރިހާ ކަމެއް ހިމާނާފައިވެއެވެ. އެގޮތުން ހަފްލާ ފަށާފައިވަނީ ޔުނިވަރސިޓީގެ ރައީސްގެ ވާހަކަފުޅުންނެވެ. އަދި މި ހަފްލާގައި ބައިވެރިކުރި ރޮބަޓްތައް ހުރީ ދަރިވަރުން ދަސްވެނިވުމުގެ ހަފްލާގައި ލައިގެން ތިބޭ ގައުންވެސް ލައްވާފައެވެ.
ކޯވިޑް-19 އާއި ގުޅިގެން އެކި ޤައުމުތަކުގައި ދަނީ ތަފާތު އެކި އީޖާދީ ގޮތްތައް ތައާރަފްކުރަމުންނެވެ. ދުރުގައި ތިބެގެންވެސް ކަންތައްތައް ކުރެވޭނެ ގޮތްތައް ހޯދަމުންދާއިރު، ގިނަ ބައެއް ސަމާލުކަން މިފަދަ ކަންތައްތަކަށް ދަނީ ލިބެމުންނެވެ.