ޚަބަރު

ކޯވިޑް-19 : ލޮކްޑައުންއަކަށް ގޮސްފިނަމަ މާލެ ސަރަޙައްދުގައި 362 ފިހާރައަކުން ޑެލިވަރީގެ ޚިދުމަތް ދޭނެ


ކޯވިޑް-19 އާ ގުޅިގެން ލޮކްޑައުންއަކަށް ގޮސްފިނަމަ މާލެ ސަރަޙައްދުގައި ޖުމުލަ 362 ފިހާރައަކުން ކަރަންޓީންކުރާ ގެތަކަށާއި ގޭގެއަށް މުދާ ފޮނުވުމުގެ މަސައްކަތް ކުރާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން ލޮކްޑައުންއަކަށް ގޮސްފިނަމަ ތަކެތި ފޮނުވައިދޭނެ ފިހާރަތަކުގެ މަޢުލޫމާތު އެއްކޮށްފައެވެ. މި މަސައްކަތުގެ ދަށުން މާލޭގެ 334 ފިހާރައަކާ ވިލިމާލޭގެ 30 ފިހާރައެއްގެ އިތުރުން ހުޅުމާލޭގެ 90 ފިހާރައެއްގެ މަޢޫލޫމާތު ވަނީ ހޯދާފައެވެ.

މީގެ ތެރެއިން މާލޭގެ 269 ފިހާރައަކުން މިފަދަ ހާލަތެއްގައި މުދާ ފޮނުވޭނެކަމަށް އެފިހާރަތަކުން ބުނެފައިވާކަމަށާއި 202 ފިހާރައަކުން އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މީގެ އިތުރުން ވިލިމާލެއިން 20 ފިހާރައަކުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު މީގެ ތެރެއިން 17 ފިހާރައަކުން އޮންލައިންކޮށް ފައިސާދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އަދި އެޗްޑީސީން ހުޅުމާލޭގެ ފިހާރަތަކުގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދިޔަ ދިރާސާގައި 73 ފިހާރައަކުން ލޮކްޑައުންގެ ހާލަތުގައި ޚިދުމަތް ދިނުމަށް އެއްބަސްވެފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މީގެ ތެރެއިން 63 ފިހާރައަކުން އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމްވެސްވަނީ ހަމަޖެހިފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ސަރުކާރުން ވަނީ ކެފޭ ރެސްޓޯރެންޓްތަކަށް ގޮސް ކެއިން ބުއިން މަނާކޮށްފައެވެ. އަދި މިހާރު ވަނީ ޑެލިވަރީގެ ޚިދުމަތްވެސް ވަކި ގަޑިތަކެއްގައި ދިނުމަށް އަންގާފައެވެ. މީގެ އިތުރުން މިދަނޑިވަޅުގައި ވިޔަފާރި ކުރާ ފަރާތްތަކުންވެސް އޮންލައިންކޮށް ފައިސާގެ މުޢާމަލާތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.