ވިޔަފާރި

މިއަހަރުގެ ފެބްރުއަރީމަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު %15 ދަށަށް ހިނގައްޖެ


މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ފެބްރުއަރީމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 15 އިންސައްތަ ދަށްވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީމަހު ރާއްޖެ އައި ފަތުރުވެރިންގެ ނިސްބަތް އުޅުނީ 82 އިންސައްތައިގައެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީމަހު މި އަދަދު ވަނީ 67 އިންސައްތައަށް ދަށްވެފައެވެ.

އެމްއެމްއޭގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖޭއައި ފަތުރުވެރިންގެ ނިސްބަތް ދަށްވެފައިވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށްވެފައިވުމުގެ ސަބަބުންނެވެ. އޭގެތެރޭގައި އޭޝިއާ އަދި ޕެސިފިކް ސަރަހައްދާއި ވަކިން ޙާއްސަކޮށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޗައިނާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު މަދުވުން ހިމެނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ޕެބްރުއަރީމަހުގެ ތެރޭގައި ދަށްވެ ބައެއް މާކެޓްތަކުން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ދަށަށް ގޮސްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ކޯވިޑް19 ފެތުރި ބައެއް ޤައުމުތަކުން ދަތުރުފަތުރުކުރުން މަނާކުރުމާއި ގުޅިގެންނެވެ.

ފެބްރުއަރީ މަހުގެ ތެރޭގައި ބައެއް ސަރަހައްދުތަކުން ރާއްޖެއައި ފަތުރުވެރިން އަދަދު މަދުވި ނަމަވެސް އަނެއްބައި ސަރަހައްދުތަކުން ފަތުރުވެރިން އައުން ވަނީ އިތުރުވެފައެވެ. އޭގެތެރޭގައި ޔޫރަޕް، ރަޝިއާ އަދި އިޓަލީ ހިމެނެއެވެ.