ވިޔަފާރި

ޤަތަރު އެއަރވޭސްގެ ޙާއްސަ ދަތުރެއް ރާއްޖެއަށް


މިމަހުގެ 21 ވަނަ ދުވަހު ޤަތަރު އެއަރވޭސުން ރާއްޖެއަށް ޙާއްސަ ދަތުރެއް ކުރުމަށް ނިންމައިފިއެވެ.

ޤަތަރު އެއަރވޭސްގެ ދަތުރުތަކާއެކު ރާއްޖެއާއި އިންގިރޭސިވިލާތުގެ ލަންޑަން، ފަރަންސޭސިވިލާތުގެ ޕެރިސް އަދި ޖަރުމަންވިލާތުގެ ފްރެންކްފަރޓަށް ރާއްޖެއިން ދާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ލިބިގެންދާނެކަމަށް ޤަތަރު އެއަރވޭސްއިން ބުނެއެވެ.

މި ފްލައިޓު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ 21 ވަނަ ދުވަހުގެ މެންދުރުފަހު 3 ޖަހާއިރުއެވެ.

ޤަތަރު އެއަރވޭސުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދަނޑިވަޅުގައި ދަތުރުފަތުރުގެ ދަތިކަން ކުރިމަތިވެފައިވާއިރު، އަނބުރާ ޤައުމަށް ނުދެވި ގިނަ ބަޔަކު އެކި ޤައުމުތަކުގައި ތިބިއިރު، އެ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.

ރާއްޖޭގެ 27 ރިޒޯޓެއްގައި މިހާރު ތިބީ ހާހެއްހާ ފަތުރުވެރިންކަމަށާއި އެމީހުން ތިބީ ކޮވިޑް-19އާ ގުޅިގެން އެނބުރި ޤައުމަށް ނުދެވިފައި ކަމުގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ،

ޓުއަރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު އަމިއްލަ ޤައުމުތަކަށް އަނބުރާ ނުގޮސް 938 ފަތުރުވެރިން އެބަތިއްބެވެ. މީގެތެރޭގައި ޓްރެވަލް ރެސްޓްރިކްޝަންތަކާއި ހެދި ދަތުރުނުކުރެވި ތިބި 200 ފަތުރުވެރިންވެސް ހިމެނެއެވެ. އަދި ބާކީ ތިބި ފަތުރުވެރިންނަކީ އަމިއްލަ ޤައުމުތަކުގައި ޤާއިމްކޮށްފައިވާ ފުރަބަންދާ ގުޅިގެން ޤައުމަށް އެނބުރި ނުދިއުމަށް ނިންމައި ރާއްޖޭގައި ތިބި މުއްސަނދި ޓުއަރިސްޓުންނެވެ.