ކޯވިޑް19 ގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހޭނީ ރާއްޖޭގެ ގެސްޓްހައުސްތައްކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުން ބުނެފައިވަނީ ރާއްޖޭގެ ގެސްޓްހައުސްތަކަށާއި، ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޯވިޑް19ގެ ސަބަބަން ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ.
ވޯލްޑް ބޭންކުން ބުނެފައިވަނީ ކޯވިޑް19ގެ ސަބަބުން އެންމެ ގިނަ ވާޒީފާ ގެއްލޭނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުންކަމަށެވެ. އަދި ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު މި ދާއިރާގެ 70 އިންސައްތަ ވަޒީފާ ގެއްލޭނެކަމަށް އެ ބޭންކުން ވަނީ އަންދާޒާކޮށްފައެވެ.
ކޯވިޑް19ގެ ސަބަބުން މިދިޔަ މަހުގެ 17 އިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޤާއިމުކޮށްފައިވާ ސިޓީ ހޮޓާތަކާއި ގެސްޓް ހައުސްތަކަށް ފަތުރުވެރިން ގެނައުން ވަނީ މަނާ ކޮށްފައެވެ. މީގެ ސަބަބުން ގެސްޓްހައުސްތަކަށް ދާ ފަތުރުވެރިން މަދުވެ، އެ ސިނާއަތަށް ވަނީ ގެއްލުމާއި ކުރިމަތިލާންޖެހިފައެވެ.
ކޯވިޑް19ގެ ސަބަބުން މުޅި ރާއްޖޭގެ ފަތުރުވެރިކަމަށްވެސް މީގެ ނޭދެވޭ އަސަރުކުރާނެއެވެ. ރާއްޖޭގެ ގިނަ ރިސޯޓުތަކެއް މިހާރު ވަނީ ފަތުރުވެރިން ނެތުމުގެ ސަބަބުން ބަންދުވެސްކޮށްފައެވެ.
ރާއްޖޭގެ ގެސްޓްހައުސްތަކަށް ގެއްލުމާއި ކުރިމަތިލާން ޖެހޭނެކަން ބޯލްޑް ބޭންކުން ހާމަކޮށްފައިވާއިރު ރާއްޖޭގެ އުފެއްދުންތެރިކަންވެސް މިއަހަރު 13 އާއި 8.5 އިންސައްތައާ ދެމެދު އަދަދަކުން ދަށަށްދާނެކަމަށް އެ ބޭންކުން ވަނީ ލަފާކޮށްފައެވެ.
ވޯލްޑް ބޭންކުން ނެރެނު ރިޕޯޓުގައި ދެކުނު އޭޝިއާގެ ޤައުމުތަކުގެ އުފެއްދުންތެރިކަމަށް ކޮވިޑް-19ގެ ސަބަބުން އަންނާނެ ލޮޅުންތައް ވަނީ އަންދާޒާކޮށްފައެވެ. މިގޮތުން ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އިޤްތިސަދީ ގޮތުން އުފެއްދުންތެރިކަމަށް އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ޤައުމެއްގެ ގޮތުގައި މިރިޕޯޓުގައި ފާހަގަކޮށްފައިވަނީ ރާއްޖެއެވެ.