ޚަބަރު

ކޯވިޑް-19 : މިހާތަނަށް ރާއްޖެއިން 2899 ސާމްޕަލް ނަގައިފި


ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތައް ހުރެގެން މިހާތަނަށް ރާއްޖެއިން 2899 ސާމްޕަލް ނަގާފައިވާކަމަށް ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ވިދާޅުވީ މިހާތަނަށް ކޯވިޑް-19އަށް ޝައްކުކުރެވިގެން ރާއްޖޭގައި ނެގި 2899 ސާމްޕަލްގެ ތެރެއިން 2696 ސާމްޕަލް ނެގެޓިވް ވެފައިވާކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ ނުލިބިވަނީ 183 ސާމްޕަލެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި 20 މީހުންގެ ތެރެއިން ރާއްޖޭގައި މިހާރު ފަރުވާދެމުންދަނީ ބަލި ޖެހުނު 2 މީހަކަށެވެ. މީގެ ތެރޭގައި ހިމެނެނީ އިނގިރޭސި ވިލާތުން އައި ދިވެއްސަކާއި ފިލިޕީންސްއިން އައި ދިވެއްސެކެވެ. އަދި ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު ވަނީ ރަނގަޅުވެފައެވެ.

މަބްރޫކް ވިދާޅުވީ ރާއްޖެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނުނު ކުރެއްދޫ ރިސޯޓުން އެކަނިވެސް 340 ސާމްޕަލް ނަގާފައިވާކަމަށެވެ. އަދި އެހެން ކަރަންޓީން ފެސިލިޓީސްގައި ތިބި 8 މީހަކު ދޫކޮށްލުމުގެ ކުރިން ހަދަންޖެހޭ ޓެސްޓު ހެދުމަށް ސާމްޕަލް ނަގާފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި 11 މީހަކު އައިސޮލޭޓް ކޮށްފައިވާއިރު ކަރަންޓީން ފެސިލިޓީގައި ތިބީ 962 މީހުންނެވެ. މިހާތަނަށް ކަރަންޓީން ފެސިލިޓީތަކުން 883 މީހަކު ވަނީ ދޫކޮށްލާފައެވެ.