ކޯވިޑް-19އާ ގުޅިގެން މޮނިޓަރިންގެ ޙާލަތުގައި އޮތް 3 ރަށް ޢާއްމު ޙާލަތަށް ގެންގޮސް އިތުރު 2 ރަށް މޮނިޓަރިންނަށް ލައިފިއެވެ.
ނޭޝަނަލް އެމަރެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ މޮނިޓަރިންގެ ޙާލަތުގައި އޮތް ނ.މިލަދުއާއި ހއ.އުލިގަމާއި އެއަތޮޅު ތުޅާގިރި ޢާއްމު ޙާލަތަށް ގެންގޮސްފައިވާކަމަށެވެ. އަދި މިހާރު ނ.މަނަދުއާއި ހއ.ތަކަންދޫ މޮނިޓަރިންގެ ޙާލަތަށް ގެންްގޮސްފައިވާކަމަށެވެ. މިއާއެކު މިހާތަނަށް 256 ތަނެއްވަނީ މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައެވެ.
މި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން މަބްރޫކް ވިދާޅުވީ މިހާތަނަށް ކޯވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި 8070 ސާމްޕަލް ނަގާފައިވާކަށެވެ. މީގެ ތެރެއިން 481 މީޙުން ޕޮޒިޓިވްވެފައިވެއެވެ. އަދި 332 ސާމްޕަލްގެ ނަތީޖާ ލިބިފައި ނުވަކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެއިތުރުން 461 މީހަކަށް ފަރުވާދެމުންދެއެވެ. މީގެތެރެއިން 6 މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
މިވަގުތު ކަރަންޓީން ފެސިލީޓީތަކުގައި 1225 މީހަކު އެބަތިއްބެވެ. މީގެތެރެއިން 3 މީހުން މިއަދު ވަނީ ދޫކޮށްލާފައެވެ. އައިސޮލޭޝަންގައި 424 މީހަކު އެބަތިއްބެވެ. މީގެ ތެރެއިން ހާލު ރަނގަޅު 28 މީހަކު ކުޑަ ބަނޑޮހަށް ބަދލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި 19 މީހުންނަކީ ގާތުން މޮނިޓަރ ކުރަންޖެހޭ މީހުންކަމުން އެމީހުން އެތަނުގައި ބައިތިއްބާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ.