ކޯވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ޢުމުރުން ދުވަސްވީ މީހެއް ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދޭން ފަށައިފިއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރު ޑރ.މުޙައްމަދު ޢަލީ ވިދާޅުވީ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުންދަނީ ޢުމުރުން 88 އަހަރުގެ މީހެއްކަމަށެވެ.
ޑރ.މުޙައްމަދު ޢަލީ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ޢުމުރުން 88 އަހަރުގެ ދިވެހި ފިރިހެން މީހާއަށް މިއަދު ވެންޓިލޭޓަރުގައި ފަރުވާ ދޭން ފެށީ ޙާލަތު ގޯސްވަމުންދާތީ ކަމަށެވެ. އެގޮތުން އޮކްސިޖަން ލެވެލް އަދި ލޭގެ ޕްރެޝަރު ދަށްވުމުގެ މައްސަލަތަކެއް އޭނާއަށް ކުރިމަތިވެފައިވާކަމަށް ޑރ. މުޙައްމަދު ޢަލީ ވިދާޅުވިއެވެ. އަދި ވެންޓިލޭޓަރަށް ލީފަހުން ޙާލަތު އިތުރަށް ގޯސްނުވާކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގައި މިވަގުތު ކޯވިޑް-19އަށް 5 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ ޢުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކާއި، 69 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 70 އަހަރުގެ ދިވެހި އަންހެނަކާއި، ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ޢުމުރުން 88 އަހަރުގެ ދިވެހި މީހާގެ އިތުރުން 48 އަހަރުގެ ޕާކިސްތާނު މީހެކެވެ.
މިމީހުންގެ ތެރެއިން ޢުމުރުން 80 އަހަރުގެ މީހާއަށް ދަނީ އޮކްސިޖަން ދެމުންނެވެ. ދެން ތިބި މީހުންގެ ހާލަތު ރަނގަޅެވެ.