ޚަބަރު

އެމްޕީއެލްގެ ދަށުގައި ހުރި ޢިމާރާތްތަކާއި ބިންތަކަށް ފައިސާ ދެއްކުމުގެ ލުއިގޮތްތަކެއް


އެމްޕީއެލްއިން ބަލަހައްޓަމުންދާ އިމާރާތްތަކާއި ބިންތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް އެތަންތަނުގެ ކުލި ދެއްކުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިދީފިއެވެ.

އެމްޕީއެލްއިން މިގޮތަށް ނިންމާފައި ވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ދިވެހިރާއްޖޭގައި އާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވާތީއާއި އަދި މާލެ ސަރަޙައްދު މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފުރަބަންދު ކޮށްފައިވާތީއެވެ.

އެމްޕީއެލްއިން ވިދާޅުވީ އެކުން ފުނީގެ ބިންތަކުގައި ހިންގާ ސައި ހޮޓާ ރެސްޓޯރެންޓްތަކުން ދައްކަންޖެހޭ ކުލި މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާފް ކޮށްދީފައިވާކަމަށެވެ. އަދި ފިހާރަ ހިންގުމަށާއި މުދާ ގުދަން ކުރުމަށް އެ ކުންފުނިން ކުއްޔަށް ދީފައިވާ ޢިމާރާތްތަކާއި ބިންބިމުގެ މެއި އަދި ޖޫން މަހުގެ ކުލިން 30 އިންސައްތަ މާފްކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ. އަދި މިދިޔަ މަހުން ފެށިގެން އަންނަ ޖޫންމަހުގެ ކުލި ޖޫރިމަނާޔާ ނުލައި ބަލައިގަތުމުގެ މުއްދަތު ޖޫންމަހުގެ 30 ވަނަ ދުވަހަށްވެސް ވަނީ އިތުރުކޮށްދީފައެވެ.

މީގެ އިތުރުން އެމްޕީއެލްއިން ވަނީ ލޮރީ ޕާރކިންގ ފީގެ ގޮތުގައި މިމަހާއި އަންނަ މަހު ދައްކަންޖެހޭ ކުލިން 30 އިންސައްތަ މާފް ކޮށްދިނުމަށްވެސް ނިންމާފައެވެ. މީގެ އިތުރުން މި މުއްދަތުގެ މަހު ކުލި ޖޫރިމަނާއާ ނުލައި ބަލައިގަތުމުގެ މުއްދަތުވެސް ވަނީ އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްދީފައެވެ.

އަދި ފައްތިޔާ ފީ އާއި އެހެނިހެން ޚިދުމަތްތައް ދިނުމަށް ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން ދައްކާ ފީތަކުގެ ކުލި ޖޫރިމަނާއާ ނުލައި ބަލައިގަތުމުގެ މުއްދަތުވެސް އެމްޕީއެލްއިން ވަނީ 30 ޖޫން ގެ ނިޔަލަށް އިތުރުކޮށްދީފައެވެ.

އެމްޕީއެލްއިން ބަލަހައްޓަމުންގެންދާ ޢިމާރާތްތަކާއި ބިންތަކުގެ ތެރޭގައި ޕޯޓް ކޮމްޕްލެކްސް ބިލްޑިންގް އާއި ނޯތް ހާރބަގައި ހުންނަ ކެފޭ އާއި ނޯތް ހާބަރުގައި ހުންނަ ގުދަންތަންވެސް ހިމެނެއެވެ. އަދި އިންޑަސްޓްރިއަލް ވިލެޖްގައި ޕިކަޕާއި ލޮރީ ޕާކް ކުރުމަށް ހަދާފައިވާ ސަރަޙައްދަކީވެސް އެމްޕީއެލްއިން ބަލަހައްޓަމުންދާ ތަނެކެވެ.