ޚަބަރު

ވިސާ ޖަހަން ހުށަހަޅާފައިވާ ޕާސްޕޯޓްތައް ދޫކުރަން ފަށައިފި


ވިސާ ޖެހުމަށް މޯލްޑިވްސް އިމިގްރޭޝަނަށް ހުށައަޅާފައިވާ ޕާސްޕޯޓްތައް އެ އިދާރާއިން ދޫކުރަން ފަށައިފިއެވެ.
އިމްގްރޭޝަނުން ވިދާޅުވީ ދޫކުރަމުން އަންނަނީ ކޯވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދުކުރުމުގެ ކުރިން ވިސާ ޖެހުމަށް އެ އިދާރާއަށް ހުށައަޅާފައިވާ ޕާސްޕޯޓްތައްކަމަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ ޕާސްޕޯޓްތައް ދޫކުރަން ފެށީ ރާއްޖޭގައި ތިބި ބިދޭސީން އެމީހުންގެ ޤައުމުތަކަށް ގެންދިޔުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާތީކަމަށެވެ. މިގޮތުން ހުކުރު، ހޮނިހިރު ފިޔަވާ ހުރިހާ ދުވަހެއްގެ ހެނދުނު އެގާރައިން މެންދުރުފަހު އެކެއް ޖަހަންދެން ޕާސްޕޯޓްތައް ދޫކުރަމުންގެންދާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި ޕާސްޕޯޓް ބަލާ އަންނައިރު ވިސާއަށް ހުށައެޅި ރިސިޕްޓް ގެނައުމަށް އިމްގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ވިސާ ޖެހުމަަށް ހުށައަޅާފައިވާ ޕާސްޕޯޓްތައް ދޫކުރަން ފެށީ މިމަހުގެ 12 ވަނަ ދުވަހުކަމަށެވެ. އެގޮތުން ފުރަތަމަ ދުވަހު އެކަނިވެސް 159 ޕާސްޕޯޓް ދޫކޮށްފައިވާކަމަށާއި އޭގެތެރޭގައި ހިމެނެނީ ވޯކް ވިސާއަށް ހުށަހެޅި 150 ޕާސްޕޯޓާއި އެހެނިހެން ވިސާތަކަށް ހުށަހަޅާފައިވާ 9 ޕާސްޕޯޓްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިއްޔެވެސް 94 މީހެއްގެ ޕާސްޕޯޓް ދޫކޮށްފައިވާކަމަށާއި އޭގެތެރޭގައި ހިމެނެނީ ވޯކް ވިސާއަށް ހުށަހަޅާފައިވާ 85 ޕާސްޕޯޓާއި ޑިޕެންޑެންޓް ވިސާއަށް އެދި ހުށަހަޅާފައިވާ 9 ޕާސްޕޯޓު ކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އަމިއްލަ ޤައުމަށް އެނބުރި ދާން ބޭނުންވާ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކަމާއި ބެހޭ އިދާރާތައް ގުޅިގެން އަންނަނީ ކުރަމުންނެވެ. މިގޮތުން ރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅޭ ބަނގްލަދޭޝްގެ 68 މީހަކު ފޮނުވާލާ އިތުރު 350 މީހަކު ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގައި އުޅޭ އިންޑިއާގެ 900 މީހުން ފޮނުވާލާ އިތުރު 200 މީހުން ފޮނުވާލުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން ޕާކިސްތާނުގެ 43 މީހަކުވެސް ވަނީ ޤައުމަށް ފޮނުވާލާފައެވެ.

މާލޭގައި ކޯވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުންދާއިރު މިހާތަނަށް މި ބަލި ޖެހުނު މީހުގެ އަދަދު މިވަނީ ހާހަކާއި ގާތްކޮށްފައެވެ. ބަލި ޖެހުނު 955 މީހުންގެ ތެރެއިން 624 މީހުންނަކީ މަސައްކަތްތެރިންގެ ގޮތުގައި ރާއްޖޭގައި އުޅޭ ބިދޭސީންނެވެ. މިގެތެރޭގައި ހިމެނެނީ ބަނގަލަދޭޝާއި އިންޑިއާ، ސްރީލަންކާ، ނޭޕާލްގެ އިތުރުން ޕާކިސްތާނަށް ނިސްބަތްވާ މީހުންނެވެ.