އެންވަޔަރަމެންޓް
މިނިސްޓްރީގެ ފަރާތުން އިސްނަގައިގެން، ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީ
ކުރުމަށް ހިއްކާފައިވާ ބިމުގައި ފައްސަތޭކަ އަށް ވުރެ ގިނަ ގަސް މިއަދު އިންދައިފިއެވެ.
ގަސް އިންދުމުގެ ޕްރޮގްރާމްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް
އެންޑް އެނަރޖީ، ތޯރިޤް އިބްރާހިމާއި ، މިނިސްޓަރ އޮފް ޑިފެންސް އެންޑް
ނޭޝަނަލް ސެކިއުރިޓީ، މޭޖަރ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލް އާއި
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނގެ މެނޭޖިންގް ޑިރެކްޓަރ، މުހައްމަދު ސައިމަން
ބައިވެރިވެވަޑައިގެންނެވިއެވެ.
ހުޅުމާލެ
ފެހި ކުރުމަށްޓަކައި ކުރިއަށްގެންގޮސްފައިވާ މި ޕްރޮގްރާމަކީ އެންވަޔަރަމެންޓް
މިނިސްޓްރީ އާއި ހައުސިންގ ޑިވެލޮޕްމެންޓް
ކޯޕަރޭޝަން އަދި އެމް.އެން.ޑީ.އެފް. ގުޅިގެން ކުރިއަށް ގެންގޮސްފައިވާ
ޕްރޮގްރާމެކެވެ.
ގަސް
އިންދުމުގެ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރޠާރިޤް އިބްރާހިމް
ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހި ފެހި ކުރުމުގެ މަޝްރޫއުއަކީ ރައީސުލްޖުމްހޫރިއްޔާގެ ސީދާ އިސްނެންގެވުމުގެ ދަށުން ހިންގަވާ މަޝްރޫއެއް ކަމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްޤީވެގެންދާ އިރު އެތަން ފެނިގެންދާނީ
ޔޫތު ސިޓީއެއްގެ އިތުރުން ފެހި ސިޓީ އެއްގެ ގޮތުގައި ކަމަށެވެ.
މާލެއަށް އިޝާރާތްކުރައްވައި، މިނިސްޓަރ ޠާރިޤް ވިދާޅުވީ މާލޭގެ
އެކި ކަހަލަ ތަރައްޤީގެ ކަންކަމުގައި ގަސްތައް ނަގަމުން ދަނީ އެގަސް ތައް އެހެން
ތަންތަނުގައި އިންދާ ގޮތަށް ކަމަށާއި އެތަންތަނުން ނަގާ ގަސްތައް ކަނޑާ އެއްލާލަނީ
ނޫން ކަމަށެވެ. މިނިސްޓަރ ވިދާޅުވި ހުޅުމާލެ ދެވަނަ ފިޔަވަހި ފެހިކުރުމުގެ މި މަޝްރޫއު ސިލްސިލާ ގޮތެއްގައި ހިންގާ، ހަލުވި ނަތިޖާ ނެރުމުގެ ގޮތުން އަތޮޅު ތެރޭން ހުޅުމާލެއަށް ގަސް ގެނެސް އިންދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އެކަމަށްޓަކައި ޚާއްސަ ޕްލޭންތަކެއް ރޭވި ކުރިއަށް އޮތް ތަނުގައި އަތޮޅު ތެރޭން ހަދިޔާ ކުރާގަސްތައް ހުޅުމާލޭގައި އިންދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ، މޭޖަރ ޖެނެރަލް ރިޓަޔާޑް މޫސާ
އަލީ ޖަލީލް ވިދާޅުވީ ގަސް އިންދުމަކީ އޭގެ ސަބަބުން ގިނަ ގުނަ ފައިދާތަކެއް
ލިބިދޭ ކަމެއް ކަމަށާއި އެގޮތުން ގަސްތައް ގިނަ ވުމަކީ އެތަނެއްގައި ދިރިއުޅޭ
މީހުން ހިތްހަމަ ޖައްސައިދީ، އެތަނެއްގައި ސުލްހަ މަސަލަސްކަން ޤާއިމް ކޮށްދޭ
ކަމަށެވެ.
މި ރަސްމިއްޔާތުގައި ހައުސިންގ ޑިވެލޮޕްމެންޓް
ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ، މުހައްމަދު ސައިމަން ވިދާޅުވީ ހުޅުމާލެ
ދެވަނަ ފިޔަވަހި ތަރައްޤީކޮށް ނިމޭ އިރު ގަސް ޕާކްތައް ވަރަށް ގިނަވާނެ ކަމަށާއި ހުޅުމާލެ
ފެހި ކުރުމަށްޓަކައި ގަސް އިންދުމުގެ ޕްރޮގްރާމް މިހާރަށްވުރެއް ފުޅާ
ދާއިރާއެއްގައި ކުރިއަށް ގެންދިޔުމަށް ވިސްނާފައިވާ ކަމަށެވެ.
އެއްލައްކަ މީހުންގެ އަބާދީއަކަށް އަމާޒުކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިދިޔަ މާރޗު މަހު 240 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، ފުރަތަމަ ފިޔަވަހީގައި 1997 ވަނަ އަހަރު ހިއްކާފައިވަނީ 180 ހެކްޓަރުގެ ބިމެވެ. އޭރު ބިން ހިއްކީ 60000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެންނެވެ. އަދި ހިއްކާ ބިމުގެ %60 މީހުން ދިރިއުޅުމަށް ޚާއްސަކުރާއިރު، ބާކީ 40 ޕަސެންޓަކީ ވިޔަފާރިއާ އިގްތިސާދާ ސިނާއީ އަދި މުނިފޫހިފިލުވުމަށް ހާއްސަ ކުރާ ސަރަހައްދުތަކެވެ.