ވިޔަފާރި

ދިރާގުގެ އަހަރީ އާއްމު ޖަލްސާ ބާއްވާނީ އޮންލައިންކޮށް


ދިރާގުގެ އަހަރީ އާއްމު ޖަލްސާ އޮންލައިންކޮށް ބޭއްވުމަށް ނިންމައިފިއެވެ.

ދިރާގުން ބުނީ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ 11ވަނަ ދުވަހު ހެނދުނު 11:15ގައި ބެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޖަލްސާ ކުރިއަށްދާނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުން ތަރައްޤީކޮށްފައިވާ އޮންލައިކޮށް ބައްދަލްވުންތައް ބޭއްވޭ ފަހިވޯޓު ސިސްޓަމް މެދުވެރިކޮށްކަމަށް ދިރާގުން ބުނެއެވެ.،

މި ޖަލްސާގައި ހުސްވި އަހަރުގެ އަހަރީ ރިޕޯޓްތަކާއި މާލީ ހިސާބުތައް ފާސްކުރުމުގެ އިތުރުން، ދިރާގުގެ ބޯޑުން ޙިއްޞާދާރުންނަށް ބެހުމަށް ނިންމި ޙިއްޞާގެ ފައިދާގެ ޢަދަދު ފާސްކުރުންވެސް އޮންނާނެއެވެ. ދިރާގުން ހިއްސާއަކަށް 12 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށްވަނީ ނިންމައިފައެވެ.

ދިރާގުން ވަނީ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 12 ރުފިޔާގެ މަގުން ޖުމްލަ 912 މިލިއަން ރުފިޔާ ބެހުމަށް ހުށައަޅާނެކަމަށް ބުނެފައެވެ. ހިއްސާއަކަށް 12 ރުފިޔާގެ މަގުން ބެހުމަށް ހަމަޖެއްސީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 4.14 (ހަތަރު ރުފިޔާ ސާދަ ލާރި) އަދި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 7.86 (ހަތްރުފިޔާ އަށްޑިހަ ހަ ލާރި)ގެ މަގުންނެވެ.

މިދިޔަ އަހަރު ދިރާގުގެ ސާފު ފައިދާގެ ގޮތުގައި 905 މިލިއަން ރުފިޔާ ލިބުނުއިރު ހިއްސާދާރުންނަށް ބަހާފައިވަނީ ހިއްސާއަކަށް 11.91 ރުފިޔާއެވެ.

ދިރާގަކީ ސަރުކާރުގެ 41.8 އިންސައްތަ ހިއްސާ އަދި އިނގިރޭސިވިލާތުގެ ބަޓެލްކޯ ކުންފުނީގެ 52 އިންސައްތަ ހިއްސާއާއި އާއްމުންގެ 6.2 އިންސައްތަ ހިމެނޭ ކުންފުންޏެކެވެ. އެކުންފުނީގެ ބޯޑުގައި ޑިރެކްޓަރުންގެ ގޮތުގައި 9 ބޭފުޅުން ތިއްބަވާއިރު، 5 ޑިރެކްޓަރުން އައްޔަންކުރަނީ ބަޓެލްކޯއިންނެވެ. އަދި ސަރުކާރުން 3 ޑިރެކްޓަރުން އައްޔަންކުރާއިރު، އާއްމު ހިއްސާދާރުން ތަމްސީލްކުރުމަށް 1 ޑިރެކްޓަރަކު އައްޔަންކުރެއެވެ.