ވިޔަފާރި

އަމާޒަކީ 1 މިލިއަން ފަތުރުވެރިން ގެނައުން- ޓުއަރިޒަމް މިނިސްޓަރ


މިއަހަރު ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ގެނައުމަށް މަސައްކަތް ކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށްޓަކައި މިނިސްޓްރީން އެމްއެމްޕީއާރުސީއާއި މުޅި ސިނާއަތުގެ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ކުރާނީ ޓާގެޓެއް އޮވެގެންކަން ފާހަގަކުރައްވައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މިއަހަރު ރާއްޖެއަށް އެއްވެސް ފަތުރުވެރިއަކު ނާންނާނެ ހާލަތެއް އައުމަކީވެސް އަންދާޒާކުރި އެއް ހާލަތެއްކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރަމުންދަނީ މިއަހަރުގެ ތެރޭގައި ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ގެނެވޭތޯކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަޒުމަކީ ޓާގެޓެއް އޮވެގެން މަސައްކަތް ކޮށްގެން ރާއްޖެއަށް މިއަހަރުވެސް އިތުރަށް ފަތުރުވެރިން ގެނައުން. އެންމެ ވާސްޓް ކޭސް ސިނާރިއޯގައި ރާއްޖޭގެ ފޯކާސްޓްގައި އެއް ސިނާރިއޯއެއް އެއީ މިއަހަރު ރާއްޖެއަށް އެއްވެސް ފަތުރުވެރިއަކު ނާންނާނެ ހާލަތެއްވެސް އޮތުން. އެހެންނަމަވެސް އަޅުގަނޑުމެން މަސައްކަތް އިރާދަކުރެއްވިއްޔާ ކުރާނީ މިއަހަރު ނިމޭއިރު 1 މިލިއަން މާރކް އަޅުގަނޑުމެންނަށް ރީޗްކުރެވޭތޯ. ފަތުރުވެރިކަން ފަށައިގަނެގެން ވަރުގަދަ މަސައްކަތެއް ކުރެވިއްޖިއްޔާ ނުވެދާނެ ކަމެއްނޫން އެއީ." އަލީ ވަހީދު ވިދާޅުވިއެވެ.

މިއަހަރުގެ ޖުލައިމަހު ރާއްޖޭގެ ބޯޑަރު ހުޅުވާލައި ރިސޯޓްތައް ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ގިނަ ފަރާތްތަކެއްގެ މަސައްކަތްތަކެއް ހުއްޓި މުސާރަ ލިބޭނެ ގޮތްތައް ބަންދުވެފައިވުމުގެ ސަބަބުން އެމީހުން މަސައްކަތެއް ހޯދަން ބޭނުންވާކަމަށާއި އެހެންކަމުން މިކަމުގައި އެންމެންނަށްވެސް ފައިދާހުރި ރައްކާތެރިގޮތެއް ހޯދަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޖުލައިމަހު ފަތުރުވެރިކަން ހުޅުވާލިޔަސް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

ރާއްޖޭގައި ކޯވިޑް19 ގެ ހާލަތު ކޮންމެ 14 ދުވަހަކުން ބަލަމުންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. ޖުލައިމަހު ރާއްޖޭގެ ރިސޯޓްތައް ހުޅުވާލި ނަމަވެސް ގެސްޓްހައުސްތައް ހުޅުވާލެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައިވަނީ އޮގަސްޓްމަހުގެ ތެރޭގައެވެ.