ވިޔަފާރި

ދިވެހި ރުފިޔާއިން ޓީޖީއެސްޓީ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި


ޓޫރިޒަމް ދާއިރާގެ މުދަލާއި ޙިދުމަތުގެ އަގުން ނަގާ ޓީޖީއެސްޓީ ދިވެހި ރުފިޔާއިން ދެއްކޭނެގޮތް ފިނޭންސް ފިނިސްޓްރީން ހަދައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ކޯވިޑް19 ގެ ސަބަބުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިކަމާ ގުޅިގެން އެ ފަރާތްތަކަށް ލުއިކޮށްދިނުމުގެ ގޮތުންނެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މުދަލާއި ޙިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެމަތިން 1 އެޕްރީލް އިން 30 ސެޕްޓެމްބަރު އާއި ދެމެދު ހިނގާ ޓެކްސް ނެގޭ މުއްދަތުތަކަށް ޓީޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދިވެހި ރުފިޔާއިން ދެއްކިދާނެކަމުގައެވެ. އަދި މިގޮތަށް ޓީޖީއެސްޓީ ދިވެހި ރުފިޔާއިން ދެއްކޭނީ މީގެފަހުން މިޓެކްސް ނެގޭ މުއްދަތުތަކަށް ޓީޖީއެސްޓީގެ ގޮތުގައި ދައްކާ ފައިސާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން ކަނޑައެޅިފައިވާ ސުންގަޑީގެ ނިޔަލަށް ޓެކްސް ދައްކާ ފަރާތްތަކުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީއަށް ޓީޖީއެސްޓީ ދައްކަމުން ގެންދިއުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ޓީޖީއެސްޓީއަކީ ދައުލަތައް އެންމެ ގިނަ އާމްދަނީ ލިބޭ އެއް ޓެކްސްއެވެ. މިއަހަރުގެ މާރޗް މަހާއި ހަމައަށް ދައުލަތައް ލިބުނު އާމްދަނީގެ %31.7 އަކީވެސް ޓީޖީއެސްޓީގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީއެވެ. މިއަހަރުގެ މާރޗް މަހު މީރާއަށް އާމްދަނީގެ ގޮތުގައި 7.03 މިލިއަން ޑޮލަރު ބަލައިގަނެފައިވާއިރު މީގެތެރެއިން %49.1 އަކީ ޓީޖީއެސްޓީގެ ގޮތުގައި ބަލައިގަނެފައިވާ އާމްދަނީއެވެ.