ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކުްރިމިނަލްކޯޓުން ކުރި ހުކުމްގެ އިސްތިއުނާފް ޝަރީއަތް އަންނަ ބުދަދުވަހު ބާއްވަން ހައިކޯޓުން ތާވަލުކޮށްފިއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ިއސްތިއުނާފްކުރި މި މައްސަލައިގެ އަޑުއެހުމެއް ކޯވިޑްގެ ކުރިން މާރިޗްމަހުވެސް ވަނީ ބާއްވާފައެވެ. އަދި އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މާރިޗު މަހުގެ 22 ވަނަދުވަހަށް ތާވަލްކޮށްފައިވަނިކޮށް ކޯވިޑް ބަލީގައި ސަރުކާރު އޮފީސްތަކާއި އެހެނިހެން ބައެއް ތަންތަން ވަނީ ބަންދުކޮށްފައެވެ.
މާދަމާގެ އަޑުއެހުމުގައި އޮންނާނީ ދެ ފަރާތުން ހުލާސާ ބަޔާން ހުށައެޅުމެވެ. އެއަށްފަހު އިތުރުކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނަނީ ހުކުމްކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހެވެ. ކޯވިޑްއާއި ގުޅިގެން ކޯޓްތަކުގައި މަސައްކަތް އޮންލައިންކޮށް ގެންދިޔުމަށްފަހު މިއަދުވަނީ އާއްމުކޮށް ހުޅުވާލާ ރަސްމީކޮށް މަސައްކަތް ފަށާފައެވެ. އެހެންކަމުން ރައީސް ޔާމީންގެ މި މައްސަލައިގެ އަޑުއެހުން އޮންނާނީ އާއްމު އުސޫލުން ހުޅުވާލައިގެން އަޑުއަހަން ބޭނުންވާ މީހުންނަށް ވަނުމުގެ ފުރުސަތު ދީގެންނެވެ.
މި މައްސަލައިގެ އަޑުއެހުންތައް ލަސްވާކަމަށް ބުނެ އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މި މައްސަލާގައި ހައިކޯޓްގެ އިސްގާޒީގެ އިތުރުން ރަޖިސްޓަރަރ އާ ބައްދަލުކުރުމަށްވެސް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ވަނީ މަސައްކަތްކޮށްފައެވެ.
މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔަމީން ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި މި މައްސަލާގައި 5 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށް އެ ފައިސާވެސް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމްއާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ޚިޔާނާތުގެ ތެރެއިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި އިތުރު 3 ފަރާތެއްގެ މައްޗަށް 591 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތުން ވަނީ ދަޢުވާކޮށްފައެވެ. އެހެންނަމަވެސް މި މައްސަލައިގެ އަޑުއެހުންތައް އަދި ފަށާފައެއްނުވެއެވެ.