ދިވެހިރާއްޖެ އިޝްތިހާރު ކުރުމުގައި ފަންނާނުންނާއި ސަޤާފީ ތަރިކަ އިތުރަށް ބޭނުންކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަދި މޯލްޑިވްސް މާރކެޓިން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން މަޝްވަރާކޮށްފިއެވެ.
ވާރޗުއަލްކޮށް ބޭއްވި މިބައްދަލުވުމުގައި މިނިސްޓަރ ޔުމްނާ މައުމޫނާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ތައްޔިބް މުހައްމަދުގެ އިތުރުން އެހެނިހެން އޮފިޝަލުން ވަނީ ބައިވެރިވެފައެވެ. ބައްދަލުވުމުގެ ތެރެއިން ދިވެހިރާއްޖެ އިޝްތިހާރުކުރުމުގައި ދިވެހި ފަންނާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ދިވެހީންގެ ސަގާފީ ތަރިކަ އިތުރަށް ދެއްކުމާއި ގުޅޭގޮތުން ދެ ފަރާތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މިބައްދަލުވުމާއި ބެހޭގޮތުން މިނިސްޓަރ ޔުމްނާ ވިދާޅުވީ މޫދާއި ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ ރީތިކަމުގެ އިތުރުންވެސް ފަތުރުވެރިން ޝައުޤުވެރިވާނެ އެތައް ކަމެއް ދިވެހީންނާއި ދިވެހިރާއްޖެއަށް ލިބިފައިވާކަމަށެވެ. ގެސްޓްހައުސްތަކާއެކު ރަށު ފަތުރުވެރިކަން ފުޅާވެގެންދާއިރު ވަކިވަކި ރަށްރަށުގެ ތާރީޚާއި ތަރިކައާއި އާދަކާދައާއި ކެއުންބުއިމާއި އަދި ދިވެހިންގެ ފަންނުވެރިކަމާއި މުއްސަނދި ސަގާފަތް ފަތުރުވެރިކަމުގެ ތެރޭގައި ހިމެނުމަކީ އަމިއްލަވަންތަކަމާއި އެއްބައިވަންތަކަން އިތުރުކޮށް، އިޤުތިޞާދީ ގޮތުން ބޮޑު ނަފާއެއް ހޯދޭނެ ކަމެއްކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ. އަދި މިއީ ސަގާފަތާއި އާދަކާދަ ފޮހެވިގެން ދިޔަނުދީ ދެމެހެއްޓުމަށާއި ތަރިކަ ހިމާޔަތް ކުރުމަށްވެސް ލިބިގެންދާނެ ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ތައްޔިބް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ޤައުމުގެ ފަންނާނުން އަދި ތަރިކަ ބޭނުންކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވުނުކަމަށެވެ. އަދި މިކަމުގައި ކުރިޔަށްދެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ އެކި އިދާރާތަކާއިއެކު މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖެއިން ބޭރުގައި ބާއްވާ ފަތުރުވެރިކަމުގެ އެކި ހަރަކާތްތަކުގައިވެސް ރާއްޖެ އެކި ގޮތްގޮތުން އިޝްތިހާރުކުރުމުގެ މަސައްކަތް އެމްއެމްޕީއާރުސީން ދަނީ ކުރަމުންނެވެ.