ވިޔަފާރި

ރާއްޖޭގެ ބޯޑަރުތައް ދެވަނަ ފަހަރަށް ބަންދުކުރަން ޖެހިދާނެކަމަށް ލަފައެއް ނުކުރެވޭ


ރާއްޖޭގެ ބޯޑަރުތައް ދެވަނަ ފަހަރަށް ބަންދުކުރަން ޖެހިދާނެކަމަށް ލަފައެއް ނުކުރެވޭކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިއޮތްތާ 3 މަހަށްވުރެ ގިނަ ދުވަސްފަހުން ފަތުރުވެރިިންނަށް ރާއްޖޭގެ ބޯޑަރުތައް މިއަދުވަނީ އަލުން ހުޅުވާލާފައެވެ. އެގޮތުން ބޯޑަރުތައް ހުޅުވާލުމާއެކު ރާއްޖެއަށް ފުރަތަމަ ޖައްސާފައި ވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓެކެވެ.

ފަތުރުވެރިންނަށް މަރުޚަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގެ މިހާރުގެ ޙާލަތާއި ދުނިޔޭގެ ޙާލަތަށް ބަލާއިރުވެސް ބޯޑަރުތައް ދެވަނަ ފަހަރަށް ބަންދުކުރަންޖެހިދާނެކަމަށް ލަފާނުކުރެވޭކަމަށެވެ. ފައްޔާޟު ވިދާޅުވީ، މި ބަލި ޗައިނާއިން ބޭރުގައި ފެތުރެން ފެށުމާއެކު ޤައުމުތަކުން ފުރަތަމަ ބެލީ އެ ޤައުމުތަކަށް މި ވައިރަސް އަޔަނުދީ ކޮންޓްރޯލް ކުރުމަށްކަމަށެވެ. ނަމަވެސް މިހާރު މުޅި ދުނިޔޭގައި މި ބަލި ފެތުރިފައިވާއިރު، ވައިރަސްއަށް ފަރުވާއެއް ހޯދެންދެން ބަލިމަޑުކަމާއެކު ދިރިއުޅެން ދަސްކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިހާރު ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބޯޑަރުތައް ހުޅުވާލަން ފަށާފައިވާއިރު ރާއްޖޭގައިވެސް އެކަން ހިނގާނީ އެ އުޞޫލުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފުރަތަމަ މި ވައިރަސް ފެތުރުނު އިރާއި އަޅާބަލާއިރުގައި، އޭރުގައި ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެވެސް ވިސްނުމަކަށްވީ އޭތި އަޔަނުދީ ހިފެހެއްޓުމަށް ނުވަތަ ކޮންޓްރޯލްކުރުމަށް. އެ ވިސްނުމުގައި ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އެޅީ. ނަމަވެސް މިހާރު މި ވައިރަސް މުޅި ދުނިޔޭގައިވެސް އެބައޮތް. ދެން އޮންނާނީ މީތި ކޮންޓެއިން ކުރުމާއި، މެނޭޖްކުރުން. އެހެންވީމަ އަޅުގަނޑަކަށް ލަފައެއްނުކުރެވޭ ދެނެއް ބޯޑަރުތައް ބަންދުވެދާނެކަމަކަށް" ފައްޔާޟް ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރުތައް ދެވަނަ ފަހަރަށް ބަންދުކުރަންޖެހިދާނެކަމަށް ލަފާނުކުރެވުނަސް، ރާއްޖޭގެ ޞިއްޙީ އިދާރާތަކުން އެކަންކުރަން ލަފާދީ، ބޯޑަރު ބަންދުކުރާ ހިސާބަށް ގޮސްފިކަމަށްވާނަމަ، އެކަން ސަރުކާރުން ކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާޢީލް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ބޯޑަރުތައް ހުޅުވާލާ ތަނުން ފަތުރުވެރިން ރާއްޖެ އަންނަ އަދަދު ކުއްލިއަކަށް އިތުރުވެދާނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅަށް ހިނގައިގަތުމަށް ދެތިން މަސް ނަގާނެކަމަށެވެ. ނަމަވެސް އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައިވެސް ފަތުރުވެރިކަމުގެ މުހިއްމު މާކެޓްތަކުގައި ރާއްޖެ އިޝްތިޙާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.