ވިޔަފާރި

ބީއެމްއެލްއިން އާ ލޯނެއް ތައާރަފްކޮށްފި


ކުދި ވިޔަފާރިތަކަށާއި، މެދު ފަންތީގެ ވިޔަފާރިތަކަށް ޙާއްސަކޮށްގެން
ބީއެމްއެލްއިން 'ރީޓެއިލަރސް ލޯނުގެ' ނަމުގައި އާ ލޯނެއް ތައާރަފްކޮށްފިއެވެ.



މި ލޯން ތައާރަފްކޮށްފައިވަނީ އެކަމަށްޓަކައި ސަލްސާ
ރޯޔަލް ރެސްޓޯރެންޓްގައި ބޭއްވި ޙާއްސަ ހަފްލާއެއްގައެވެ.



ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ދޭ
އެހީތެރިކަން އިތުރުކޮށް ވިޔަފާރިތައް ކުރިއެރުވުމުގައި ބީއެމްއެލްގެ ދައުރު
ފުޅާކުރުމުގެ ގޮތުން ތައާރަފްކުރި  "ބީއެމްއެލް
ރީޓެއިލަރސް ލޯން" އަކީ ބީއެމްއެލްއިން ރަހުނަކާ ނުލާ ދޫކުރާ ފުރަތަމަ ލޯނެވެ.



އެގޮތުން އިތުރު ރަހުނަކާއި ނުލައި 5 ލައްކަ ރުފިޔާ އާ
ހަމައަށް ލޯނު ލިބޭއިރު، މި ލޯން އަބުރާ ދެއްކުމަށް 4 އަހަރުގެ މުއްދަތެއް
ލިބޭނެ ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ. އަދި 5 ލައްކަ އަށް ވުރެ މަތީ
އަދަދުގެ ލޯނުުތަކަށް ރަހުނު ހުށަހަޅަން ޖެހޭނެ ކަމަށާއި މި ލޯނަށް އެދި
ހުށަހެޅޭނެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން ބީއެމްއެލް ޕީއޯއެސް
މެދުވެރިކޮށް މަހެއްގެ މައްޗަށް އެވެރެޖްކޮށް 50،000  ރުފިޔާގެ ވިޔަފާރިކޮށްފައިވާ ފަރާތްތަކަށް
ކަމަށްވާއިރު އެ ފަރާތްތަކަށް މަހެއްގެ މައްޗަށް ޕީއޯއެސް މެދުވެރިކޮށް ކޮށްފައިވާ
ވިޔަފާރީގެ 5 ގުނަ އާ ހަމަޔަށް ލޯނަށް އެދުމުގެެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް
ބީއެމްއެލްއިން ބުނެއެވެ.



މި ހަފްލާގައި ވާހަކަ ދައްކަވަމުން  ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ
އެންޑްރޫ ހީލީ ވިދާޅުވީ މި ލޯނުގެ ސަބަބުން ޤައުމުގެ ކުދި ވިޔަފާރިތަކަށާއި، މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުމަށް މަގު ފަހިވެގެންދާނެ ކަމަށާއި ވިޔަފާރިވެރިން މި ލޯނަށް
ޝައުގުވެރިވާނެ ކަންތައްތަކުގެ ތެރޭގައި ރަހުނެއް ބޭނުންނުވުމާއި އަދި ޕްެރޮސެސްކުރާ
މުއްދަތު އަވަސް ވުން ހިމެނޭ ކަމަށެވެ.



މި ލޯނު ޕްެރޮސެސްކުރުމަށް ބޭންކުންވަނީ 10 ދުވަހުގެ މުއްދަތެއް
ކަނޑައަޅާފައެވެ. އަދި ކަސްޓަމަރުން
ބޭނުންވާ ނަމަ ލޯނުގެ ބަދަލުގައި އޯވަރޑްރާފްޓް އަށް އެދި ހުށަހެޅުމުގެ
ފުރުސަތުވެސް ހުޅުވާލެވިފައިވާ ކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.