ވިޔަފާރި

ގެސްޓްހައުސްތައް ހުޅުވުން ލަސްކުރުމުން ކަންބޮޑުވުންފާޅުކޮށްފި


ގެސްޓްހައުސްތައް ހުޅުވުން ލަސްކުރުމާ ގުޅިގެން ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ކޯވިޑް19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ސަރުކާރުން ވަނީ ގެސްޓްހައުސްތައް ހުޅުވޭނެކަމަށް މިހާރު ލަފާކުރެވެނީ ސެޕްޓެމްބަރުމަހުކަމަށް ވިދާޅުވެފައެވެ.

ގެސްޓްހައުސްތައް ހުޅުވުން ލަސްކުރުމުާއި ގުޅިގެން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ބުނީ ގިނަ ދުވަސްތަކެއް ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ވަރަށް ގިނަ ގެއްލުމާ ކުރިމަތިލާންޖެހިފައިވާކަމަށެވެ. އަދި ގެސްޓްހައުސްތައް ހުޅުވުން ލަސްވުމަކީ އިންޑަސްޓްރީއަށް ލިބޭނެ އިތުރު ގެއްލުމެއްކަމަށް ބަޔާނުގައިވެއެވެ.

ގޭމްއިން ވުނީ އޮަގަސްޓް 1 ގައި ގެސްޓްހައުސްތައް ހުޅުވާނެކަމަށް ކުރިން އިއުލާންކޮށްފައި އޮތުމުން ގެސްޓްހައުސްތަކުންވެސް ދިޔައީ ލިބޭވަރަކުން ބުކިންތައް ނަގަމުންކަމަށެވެ. ނަމަވެސް ކުއްލިގޮތަކަށް ސަރުކާރުގެ ވިސްނުން ބަދަލުކޮށް ގެސްޓްހައުސްތައް އޮގަސްޓްމަހު ނުހުޅުވާ ގޮތަށް ނިންމުމުން އިތުރު ތަކްލީފްތަކެއް ގެސްްޓްހައުސްތަކަށް ކުރިމަތިވެފައިވާކަމަށް ގޭމްއިން ބުނެއެވެ.

ގޭމްއިން ބުނީ ރިސޯޓްތަކާއި ސަފާރީ ތަކަށް ހިދުމަތް ފެށުމުގެ ހުއްދަ ދިނުމާއި، ސުޕާ،
އަދި ރެސްޓޯރަންޓް ފަދަ މީހުން ގައިގޯޅިކޮށް އުޅޭ ތަންތަނަށްވެސް ހުއްދަ ދެވިފައި ހަމައެކަނި ގެސްޓްހައުސް ފަދަ ކުޑަ ސިނާއަތެއްގެ މަސައްކަތް ފަށާނެ ވަކިތާރީހެއް ނޭގި ތިބެންޖެހުމަކީ ސިނާއަތަށް ލިބިގެންދާނެކަމަށް ވަރަށް ބޮޑު ގެއްލުމެއްކަމަށެވެ.

ރާއްޖޭގައި ކޯވިޑް19 ފެތުރުން އަނެއްކާވެސް އިތުރުވެފައިވާތީ ސަރުކާރުން ވިދާޅުވެފައިވަނީ އޮގަސްޓުމަހު ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ. އަދި މިހާރު ބަލި ފެތުރޭ މިންވަރާއި ރާއްޖޭގެ ހާލަތަށް ބަލާއިރު ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ ސެޕްޓެމްބަރުމަހުކަމަށް ސަރުކާރުން ވިދާޅުވެއެވެ.