ޚަބަރު

ރާއްޖޭގެ ފުރަތަމަ ވަރޗުއަލް މެރެތަން "ރަން ފޯރ މޯލްޑިވްސް"ގައި ރަޖިސްޓްރީވާން ހުޅުވާލަނީ


ޔުނިކްސް ސްޕޯޓިންގ އިން އިންތިޒާމްކޮށް ޓޫރިޒަމް މިނިސްޓްރީން އެންޑޯސްކޮށްގެން ކުރިއަށްގެންދާ "ރަން ފޯރ މޯލްޑިވްސް" ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މާދަމާ ހުޅުވާލާނެއެވެ.

"ރަން ފޯރ މޯލްޑިވްސް"އަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ވަރޗުއަލް މެރެތަނެވެ. މި މެރެތަން ޚާއްސަ ކޮށްފައިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އިސް ސަފުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކަށެވެ. ރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރުމުގެ މުނާސަބަތާވެސް ގުޅުވާލައިގެން ކުރިއަށްގެންދާ މި ޙަރަކާތަކީ، އެކުވެރިކަމާއި، އެއްބައިވަންތަކަން ކުރިއަށްނެރުމަށް ބާރުޅުއެޅުމުގެ ގޮތުން ބާއްވާ ހަރަކާތެއްކަމަށް މިކަން އިންތިޒާމް ކުރާ ޔުނިކްސް ސްޕޯޓިންގއިން ބުނެއެވެ.

މި ދުވުމުގައި ރަޖިސްޓަރ ފުރުޞަތު އުމުރުން 5 އަހަރުންމަތީގެ ކޮންމެ މީހަކަށްވެސް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ. އެގޮތުން ހަރަކާތުގައި ބައިވެރިވުމަށް ދިވެހިންނަށް ރަޖިސްޓަރކުރެވޭނެ އެންމެފަހު ތާރީޚަކީ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހެވެ. އަދި ބައިނަލްއަޤްވާމީ ފަރާތްތަކަށް މި އަންނަ އޮކްޓޯބަރ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވެވޭނެކަމަށް މިކަން އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. ރަޖިސްޓަރވާން ބޭނުންވާ މީހުންނަށް ޔުނިކްސް ސްޕޯޓިންގގެ ވެބްސައިޓް www.unixsporting.com ނުވަތަ މެރެތަންގެ ނަމުގައި ހަދާފައިވާ ފޭސްބުކް، ޓްވިޓަރ އަދި އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ.

މިއީ މުޅި ދުނިޔެއަށް ހުޅުވާލެވިގެން ވަރޗުއަލްކޮށް ކުރިއަށްގެންދާ ހަރަކާތެއްކަމުން ރާއްޖޭގެ ކޮންމެ ރަށެއްގައި އަދި ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި ފަރާތަކަށްވެސް ރަޖިސްޓަރވެ، ހަރަކާތުގައި ބައިވެރިވެވޭނެއެވެ. ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ދިވެހިންގެ އަތުން 150 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބިދޭސީންގެ އަތުން 25 ޑޮލަރަށްވުރެ ކުޑަ ނޫން އަގެއް ނަގާނެކަމަށް ޔުނިކްސް ސްޕޯޓިންގ ބުނެއެވެ.

"ރަން ފޯރ މޯލްޑިވްސް" މެރެތަންގައި ދުވަން ބޭނުންވާ ފަރާތްތަކަށް 4 ކެޓަގަރީއެއްވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 5.5 ކިލޯމީޓަރު ސިޓީ ލިންކް، 21 ކިލޯމީޓަރު ލާމު ލިންކް، 15 ކިލޯމީޓަރު އައްޑޫ ލިންކް އަދި 870 ކިލޯމީޓަރު މޯލްޑިވްސް ލިންކެވެ. މީގެ ތެރެއިން ސިޓީ ލިންކަކީ 1 ދުވަސް ތެރޭގައި ފުރިހަމަ ކުރަންޖެހޭ ދުވުމެކެވެ. ލާމު ލިންކް ފުރިހަމަކުރުމަށް 4 ދުވަސް އަދި އައްޑޫ ލިންކް ފުރިހަމަ ކުރުމަށް 3 ދުވަސް ލިބޭނެއެވެ. އަދި އެންމެ ފަހު ހަރަކާތްކަމަށްވާ މޯލްޑިވްސް ލިންކް ފުރިހަމަ ކުރުމަށް 21 ދުވަސް ލިބޭއިރު، ފަހު ހަރަކާތް ފުރިހަމަ ކުރަންޖެހޭނީ ޓީމް އިވެންޓެއްގެ ގޮތުގައި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ގޮތަށެވެ.

މި ދުވުން ފެށުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހެވެ. އަދި މި ހަރަކާތް މި އަންނަ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ދެމިގެންދާނެކަމަށް ޔުނިކްސް ސްޕޯޓިންގ ބުނެއެވެ. މި ހަރަކާތުގައި ހިމެނޭ ކެޓަގަރީތައް ފުރިހަމަ ކުރާ ބައިވެރިންނަށް ޚާއްސަ މެޑަލެއް އެ ބައިވެރިއެއްގެ ގެއަށް ރައްދުކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މެރެތަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 20 ފަރާތަކަށް ރާއްޖޭގެ ކޮންމެވެސް މަންޒިލެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ގުރުއަތު ނެގުމުގެ ކަންކަން ވީހާވެސް އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމަށް އޮޑިޓް ފަރމަކާއި ޔުނިކްސް ސްޕޯޓިންގއިން ވަނީ ޙަވާލުކޮށްފައެވެ.

ޔުނިކްސް ސްޕޯޓިންގއިން ބުނީ މި ޙަރަކާތުން އެއްކުރެވޭ ފައިސާ ދިވެހި ރެޑްކްރެސެންޓަށް ކޯވިޑް-19ގެ ކަންކަމަށް ޚަރަދުކުރުމަށާއި، ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް ގަތުމަށް ހަދިޔާކުރަން ނިންމާފައިވާކަމަށެވެ. އެކުވެރި އަދި އުފާވެރި މުޖުތަމަޢުއެއް ބިނާކޮށް ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ބާރުއެޅުމަށް ކުރިއަށްގެންދާ މި ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޔުނިކްސް ސްޕޯޓިންގއިން ވަނީ ގޮވާލާފައެވެ.