ޚަބަރު

ކޯވިޑް-19 : ރާއްޖެ ރައްކާތެރިކަން، ބުނެދޭން އެމްއެމްޕީއާރްސީގެ ވެބިނަރ ސިލްސިލާއެއް


ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖެއާއިމެދު އޮންނަ އިތުބާރު އިތުރުކުރުމަށާއި، ރާއްޖޭގެ ރައްކާތެރިކަން ހާމަކުރުމަށް މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)އިން ވެބިނާ ސިލްސިލާއެއް ފަށައިފިއެވެ. "ރީޑިސްކަވަރ މޯލްޑިވްސް ވެބިނަރ ސީރީޒް"ގެ ނަމުގައި ކުރިއަށްގެންދާ މި ސިލްސިލާގެ ފުރަތަމަ ވެބިނާ މިއަދުވަނީ ބާއްވާފައެވެ.

މި ވެބިނާއަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ ބޮޑެތި މަރކެޓްތަކުގެ ޓްރެވަލް ޓްރޭޑާއި މީޑިއާތަކަށް ޚާއްސަކޮށްގެން ފަށާފައިވާ ވެބިނަރ ސީރީޒްއެވެ. އެއްމަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޙަރަކާތް ކޮންމެ ހަފްތާއަކު އެއް ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ. މިވެބިނާގާއި އެކި މަރކެޓްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަފާތު އެކިބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ވެބިނާގައި މަޢުލޫމާތުދޭ ކަންކަމުގެތެރޭގައި ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުގައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާއި، މިކަމާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކާއި، "ނިއު ނޯމަލް" ނުވަތަ އައު ޢާއްމު ޙާލަތުގައި ދަތުރުކުރާއިރު ފަތުރުވެރިން ސަމާލްކަންދޭންވީ ކަންކަމާގުޅޭ މަޢުލޫމާތުވެސް ޙިއްސާކުރާނެއެވެ.

މިފަދަ ވެބިނާއެއް ބޭއްވުމުގެ އެންމެ ބޮޑު މަޤުސަދަކީ ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި ޤައުމެއްގެ ގޮތުގައި ދައްކުވައިދިނުންކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ. އެގޮތުން ރާއްޖޭގެ ރަށްރަށް އުފެދިފައިވާގޮތުން ފަތުރުވެރިންނަށް ލިބިދޭ ރައްކާތެރިކަމާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ދަތުރުކުރުމުގައާއި ރިސޯޓްތަކުގައި އަޅާފައިވާ މުހިންމު ފިޔަވަޅުތަކާއިގުޅޭ މަޢުލޫމާތުވެސް ޙިއްސާކުރާނެއެވެ.

މިއަދު ބޭއްވި ފުރަތަމަ ވެބިނާގައިވަނީ ރާއްޖޭގައި ފަތުރުވެރިންނަށް ކުރެވެންހުރި ޚާއްސަ ތަޖުރިބާތަކާގުޅޭ ކެމްޕެއިން "އަ ޑަޒަން މަސްޓް ޑޫ އެކްސްޕީރިއަންސް އިން މޯލްޑިވްސް"ވެސް ލޯންޗްކޮށްފައެވެ. މީގެތެރޭގައި ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ މަތިން ދަތުރުކުރާއިރު ލިބޭ ތަޖުރިބާއާއި، ކަނޑުއަޑީގެ ރީތިކަމާއި މިނިވަންކަމާއި ރާއްޖޭގެ ޤުދުރަތީ ރީތި ފެހިކަމާގުޅޭ ތަޖުރިބާތަށް ޕްރޮމޯޓްކުރުން ހިމެނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލާފައިވާއިރު އެމްއެމްޕީއާރްސީއިންދަނީ ރާއްޖޭގެ ފަތުރުވެރިންކަން ޕްރޮމޯޓްކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން ފޭސްބުކް ލައިވް އިވެންޓްތަކާއި، އެކި ޤައުމުތަކަށް ޚާއްސަކޮށްގެން ވެބިނާތަކާއި، އޮންލައިން ކެމްޕެއިންތަށް ބޭއްވުން ހިމެނެއެވެ.