ޚަބަރު

ކޯވިޑް19: އޮކްޓޯބަރު މަހުގެ 15ގައި ގެސްޓްހައުސްތައް އަލުން ހުޅުވާލަނީ


އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ގެސްޓްހައުސްތައް ފަތުރުވެރިކަމަށް ހުޅުވާލާނެކަމަށް ޓުއަރިޒަމް މިނިސްޓްރިއިން ވިދާޅުވެއްޖެއެވެ. ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އެޗްޕީއޭގެ އެންގުމަށް ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެންދިއުން ހުއްޓަލާފައިވަނީ މިއަހަރުގެ އޭޕްރިލްމަހުއެވެ.

ނަމަވެސް އެޗްޕީއޭގެ މަޝްވަރާއާއިއެކު، އަންނަ މަހުގެ 15ގައި ގެސްޓްހައުސްތަށް އަލުން ފަތުރުވެރިކަމަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީއިންވަނީ ހާމަކޮށްފައެވެ.

ގެސްޓް ހައުސްތައް ހުޅުވާލުމަށް ހުއްދަދޭނީ ރަށްރަށުގެ ކައުންސިލްގެ ހުއްދައާއި، އަދި އެޗްޕީއޭއިން ކަނޑައަޅާ ގައިޑްލައިންތަކާއި އެއްގޮތްވާގޮތުގެމަތިންކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ.

ނިމުނު އޮގްސްޓަމުގެ 1ވަނަ ދުވަހު ގެސްޓް ހައުސްތަކުން އަލުން ޚިދުމަތް ފެށުމުގެ ހުއްދަދޭން ނިންމިނަމަވެސް، ހުއްދަ ނުދޭން ޓުއަރިޒަމް މިނިސްޓްރީއިން ފަހުން ނިންމީ ކޯވިޑް-19ފެތުރުން އިތުރުވުމާއި ގުޅިގެން އެޗްޕީއޭގެ ލަފާގެމަތިންނެވެ. އެޗްޕީއޭއިން މިގޮތަށް ނިންމާފައިވަނީ އާންމުން ދިރިއުޅޭ ރަށްތަކަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށެވެ. ރަށްރަށުގެ ގެސްޓްހައުސް ނުހުޅުވިނަމަވެސް، ޓްރާންސިޓް ފެސިލިޓީގެ ގޮތުގައި މާލޭގެ ގެސްޓްހައުސްތައް ބޭނުންކުރެއެވެ.

ގެސްޓްހައުސްތަކުގެ އިތުރަށް، ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ރިސޯޓްތަކާއި ސަފާރީތަކަށް ގެސްޓުން ގެނައުން 110ދުވަހަށް ހުއްޓާލާފައި އޮތުމަށްފަހު، ރާއްޖޭގެ ބޯޑު ހުޅުވާލާ ރިސޯޓްތައް ހުޅުވާލާފައިވަނީ ޖުލައި 15ގައެވެ. ނަމަވެސް ރިސޯޓްތަކާއި ސަފާރީތަކުން ޚިދުމަތްދެވެނީވެސް އެޗްޕީއޭއިން ކަނޑައަޅަ ވަކި އުސޫލުތަކަކާއި، އަދި ވަކި ހުއްދަތަކެއް ނަގައިގެންނެވެ.
ބޯޑަރު ހުޅުވާލި ފުރަތަމަ މަހު ރާއްޖެއަށް 5000އަށްވުރެ ގިނަ ފަތުރުވެރިންވަނީ އައިސްފައެވެ.

ފަތުރުވެރިކަމުގެ ދާއިރާ އަލުން އިއާދަކޮށް، އިޤްތިޞާދު ކުރިއެރުވުމަށް ގިނަ މަސައްކަތްކެއް ސަރުކާރުންދަނީ ކުރަމުންނެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓްރީއިން އަލަށް އިޢުލާންކުރި އުސޫލުގެދަށުން، ރާއްޖެ އަންނަ ފަތުރުވެރިން އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރެވޭނެ އުސޫލެއް މިހާރުވަނީ ހަދާފައެވެ. އަދި ދަތުރުފަތުރުގެ ނިޒާމާއި، ރިސޯޓްތަކުގައި ރައްކާތެރިކަން އިތުރުކުރުމާއި، ފަތުރުވެރިންނަށް ބައްޔަށް ޓެސްޓްކުރެވޭނެ ފަސޭހަ އިންތިޒާމްތައްވެސްވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހަމަޖައްސާފައެވެ.