ކްރޮއޭޝިއާގެ މިޑްފިލްޑަރ އިވާން ރަކިޓިޗް ހަ އަހަރަށްފަހު އޭނާގެ ކުރީގެ ކުލަބު ސެވިއްޔާ އާއި އަލުން ގުޅިއްޖެއެވެ.
2014 ވަނަ އަހަރު ސެވިއްޔާއިން ބާސެލޯނާއަށް ބަދަލުވި ރަކިޓިޗް އެނބުރި ސެވިއްޔާއާއި ގުޅުނީ ހަތަރު އަހަރު ދުވަހު އެއްބަސްވުމެއްގެ ދަށުންނެވެ.
ބާސެލޯނާގައި ހޭދަކުރި ހަ އަހަރުގެ ތެރޭގައި މޮޅު ކުޅުމެއް ދެއްކި މިޑްފިލްޑަރ ވަނީ އެކުލަބާއި އެކު ސޯޅަ ތަށި ހޯދާފައެވެ. އޭގެތެރޭގައި ސްޕެނިޝް ލަލީގާ ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގުވެސް އޭނާވަނީ ބާސެލޯނާ އާއިއެކު ކާމިޔާބުކޮށްފައެވެ.
އުމުރުން މިހާރު 32 އަހަރުގެ ރަކިޓިޗް 2014 ވަނަ އަހަރުގެ ޖޫން މަހު ބާސެލޯނާ އާއި ގުޅުނީ، ސެވިއްޔާގެ ކެޕްޓަނެއްގެ ގޮތުގައި ޔުރޮޕާ ލީގު އުފުލާލުމަށްފަހުއެވެ. އޭނާ ވަނީ ސެވިއްޔާގައި ހޭދަކުރި މުއްދަތުގައި އެކުލަބަށް 32 ލަނޑު ޖަހައިދިނުމުގެ އިތުރުން 41 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
ސެވިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހަ އަހަރަށްފަހު ރަކިޓިޗް އެނބުރި އަލުން ސެވިއްޔާ އާއި ގުޅުނީ ކުލަބާއިއެކު ކާމިޔާބީ ހޯދޭނެ ގާބިލުކަމާއި ތަޖުރިބާ ހޯދައިގެން ކަމަށާއި، ކުރިއަށްވުރެ ކާމިޔާބު ދުވަސްތަކެއް ސެވިއްޔާގައި އޭނާ ހޭދަކުރާނެ ކަމާއިމެދު ޝައްކުނުކުރާކަމަށެވެ.
ހުސްވި ސީޒަންގައި ބާސެލޯނާއިން ހޯދި ދަށް ނަތީޖާތަކުގެ ސަބަބުން ކުލަބު އަލުން ރީފޯމް ކުރުމުގެ މަސައްކަތް ބާސެލޯނާއި މިހާރު ކުރަމުން އަންނައިރު، އިވާން ރަކިޓިޗްގެ އިތުރުންވެސް ބައެއް މުހިންމު ކުޅުންތެރިން އަންނަނީ ކުލަބު ދޫކޮށް އެހެން ކުލަބުތަކަށް ބަދަލުވަމުންނެވެ. އެގޮތުން އައު ކޯޗް ރޮނާލްޑް ކޫމަންގެ ޕްލޭނުގައި ނުހިމެނޭކަން ހާމަކުރި ކުޅުންތެރިންގެ ތެރެއިން ފޯވާޑް ލުއިޒް ސުއަރޭޒްވެސް ބާސެލޯނާ ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާނެކަމަށް ވަރަށް ބޮޑަށް ވަނީ ބެލެވިފައެވެ. އަނެއްކޮޅުން ކެޕްޓަން ލިއޮނަލް މެސީވެސް ވަނީ ކުލަބު ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައެވެ.