އާ ބާވަތްތަކުގެ ފަތުރުވެރިކަން ތަޢާރަފްވަމުންއައިސް ރާއްޖެ މިހާރު ފައްކާވަމުންދަނީ ލޯކަލް ޓުއަރިޒަމް ނުވަތަ ރަށު ފަތުރުވެރިކަމަށެވެ. މި ވިޔަފާރިއަށް ރަށުގެ މުޅި އާމްދަނީ ބަރޯސާވެފައިވާ ރަށްތައް ހުރިއިރު، އަނެއްބައި ރަށްތަކުންދަނީ މަޑުމަޑުން މި ވިޔަފާރިއަށް ވަންނަމުންނެވެ. އަމިއްލަ ރަށުގައި އާއިލާ ކައިރީގައި ހުރެގެން ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތަކަށް މި މަސައްކަތްވަނީ ވެފައެވެ. ރަށު ފަތުރުވެރިކަމާއިއެކު، އެތައް ކުދި ވިޔަފާރިތައް ވަނީ އުފެދެންފަށާފައެވެ.
މުޅި ރާއްޖެއަށް ބަލާއިރުވެސް، އެންމެ ބޮޑަށް ރަށު ފަތުރުވެރިކަމުގެ ވިޔަފާރި ރާއްޖޭގައި ކުރާ އެއް ރަށަކީ މާލެ އަތޮޅު މާފުއްޓެވެ. މާފުއްޓަކީ ލޯކަލް ޓުއަރިޒަމްގެ ޚިދުމަތް އެންމެ ފުރަތަމަ ރާއްޖޭގައި ފެށި ރަށްވެސްމެއެވެ. މިހާރުވެސް އެރަށުގައި 34 ގެސްޓްހައުސް ހިންގަމުން އާދެއެވެ. ބެޑް ކެޕޭސިޓީއަކީ 1600އިން މައްޗެވެ.
ކޯވިޑް-19އާ ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުން ރަށްރަށަށް ފަތުރުވެރިން ދަތުރުކުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން މަނާކޮށްފައިވަނީ މިދިޔަ މާޗް މަހުއެވެ. އަދި ބޯޑަރު ބަންދުކުރުމާއި ގުޅިގެން ރިސޯޓްތަކަށްވެސް ފަތުރުވެރިން ގެނައުން ހުއްޓާލާފައި އޮތުމަށްފަހު، އަލުން ބޯޑަރު ހުޅުވާ ރިސޯޓްތައް ހުޅުވާފައިވަނީ ޖުލައި 15ގައެވެ.
ނަމަވެސް ގެސްޓްހައުސްތަކުގެ ޚިދުމަތް ފެށުމުގެ ހުއްދަދިނުންވަނީ ފަސްކޮށްފައެވެ. ސަރުކާރުން މިގޮތަށް ނިންމާފައިވަނީ، އާއްމުން ދިރިއުޅޭ ރައްތަކަށް ބަލި ދިޔުމުގެ ފުރުސަތު ކުޑަކުރުމަށެވެ. ނަމަވެސް މިމަހު ސަރުކާރުންވަނީ އަންނަ އޮކްޓޯބަރު 15ގައި ރަށްރަށުގައި ގެސްޓްހައުސްތަކުގެ ޚިދުމަތް ފެށުމުގެ ހުއްދަ ދޭން ނިންމާފައެވެ. މި ހުއްދަދޭން ނިންމާފައިވަނީ ބޮޑެތި ޝަރުތުތަކާއިއެކުއެވެ.
ގެސްޓްހައުސްގެ ޚިދުމަތް ފެށޭނީ ކައުންސިލްގެ ހުއްދަ ލިބިގެންނާއި، ރަށުގައި އައިސޮލޭޝަން ފެސިލިޓީއާއި ކަރަންޓީން ފެސިލިޓީއާއި އަދި ފްލޫ ކްލިނިކްވެސް ހުރެގެންނެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ކ.މާފުށި ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވީ ރަށު ރައްޔިތުންގެ މިވަގުތު އެންމެ ބޮޑު އުންމީދަކީ ވިހާވެސް އަވަހަށް ގެސްޓްހައުސްގެ ވިޔަފާރި ފެށުންކަމަށެވެ. ސަރުކާރުން މިކަމާގުޅޭ އުސޫލުތަށް އިޢުލާންކުރުމާއެކު ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން މިހާރު ރަށުގެ 18ކޮޓަރީގެ ގެސްޓްހައުސްއެއް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވާކަމަށާއި، މަދުވަނީ ފްލޫ ކްލިނިކް ކަމަކަށް އުސްމާން ވިދާޅުވިއެވެ. އެހެންކަމުން ކައުންސިލާއި، ރަށުގެ ވިޔަފާރިތައް ގުޅިގެން މާފުށީ ހެލްތް ސެންޓަރުގެ ގޯތިތެރޭގައި ފްލޫ ކްލިނިކެއް ހެދުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.
"ކައުންސިލާއި ވިޔަރިވެރިން ގުޅިގެން ޚަރަދުކުރާގޮތަށް ފްލޫ ކްލިނިކް ހެދުމުގެ މަސައްކަތްވަނީ ފަށާފަ. އެއްމަސްތެރޭ ހުރިހާ ކަމެއް ނިމޭނެ. އުންމީދަނީ އަންނަމަހު 15އަށް ހުރިހާ މަސައްކަތެއް ނިންމައި ޚިދުމަތް ފެށުން." އުސްމާން ވިދާޅުވިއެވެ.
މާފުށީގެ %90 މީހުން އާމްދަނީ ހޯދުމަށްކުރާ މަސައްކަތަކީ، ގެސްޓްހައުސްއާއި ގެސްޓްހައުސްއާ ގުޅިގެން އުފެދުނު ކުދި ވިޔަފާރިތަކުގެ މަސައްކަތެވެ. މިކަމުގައި ގިނަ އަދަދެއްގެ ޒުވާނުން ހަރަކާތްތެރިވަމުން އަންނައިރު، ގެސްޓުން ނުގެނޭވޭތީ ވިޔަފާރިތައް ހުއްޓި އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި ރައްޔިތުންގެ އަތްމަތި ވަރަށް ބޮޑަށް ދަތިވެފައިވާކަމަށް ކައުންސިލުން ވިދަޅުވެއެވެ.
"ރެސްޓޯރަންޓް ކެފޭ، ލޯކަލް ފިހާރަތަށް، ގެސްޓް ޝޮޕް، ސްޕާ، ޑައިވިންގ ސެންޓަރ، ވޮޓަރ ސްޕޯޓްސް. މިއީ މުޅިންވެސް މި ވިޔަފާރިއާއިއެކު އުފެދުނު ވިޔަފާރި. އަދި މިހާރު ވިޔަފާރިތައް ހުއްޓިފައިވާތީ ބާނާ ފަރުމަސްކޮޅުވެސް ނުވިކެ." ޢުސްމާނު ވިދާޅުވިއެވެ.
މާފުށީގެ ރައްޔިތުން ތިބީ އަލުން ވިޔަފާރި ފެށޭނެ ދުވަހެއްގެ އިތިޒާރުގައި ކެތްމަދުވެފައެވެ. އަލުން މަސައްކަތް ފަށާއިރު އިތުރު ގެސްޓްހައުސްތަކެއްގެ މުޅިން އަލަށް ވިޔަފާރިއަށް ވަނުމަށް ތައްޔާރުވެފައިވާކަމަށް މާފުށި ކައުންސިލުން ވިދާޅުވިއެވެ.