ކުޅިވަރު

މިތަނަށް އައީ މޮޅުވާން، ބަލިވުމުން ދެރަވޭ: ލޮޕެޓީގް


ޔުއެފާ ސުޕަ ކަޕުގައި ބަޔާން މިއުނިކާ ދެކޮޅަށް ނުކުތީ މޮޅުވާން ކަމަށާއި އެކަން ހާސިލު ނުވުމުން ދެރާވާކަމަށް ސެވިއްޔާގެ ކޯޗު ހުލެން ލޮޕެޓީގް ބުނެފިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލޮޕެޓީގް ބުނީ ކޮންމެ ފައިނަލަކުން ބަލިވުމަކީ ލިބޭނެ ހިތްދަތި ކަމެއްކަމަށެވެ. އޭނާ ބުނީ މެޗަށް ނުކުތީ ބަޔާންއާ ވާދަކޮށްލަން ނޫންކަމަށާއި ސްޕެއިން އިން ފުރައިގެން ޓީމު ހަންގޭރީއަށް އައީވެސް މޮޅުވުމުގެ އަޒުމުގައި ކަމަށެވެ. އެހެން ނަމެވެސް އެކަން އެގޮތަށް ހާސިލް ނުވީކަމަށެވެ. އޭނާގެ ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމާއި މެދު ފަހުރުވެރިވާ ކަމަށާއި ބަޔާން މިއުނިކް މިހާރު އޮތް ޓީމާއެކު އެޓީމުގެ ކާމިޔާބީ އަހަރުތަކަކަށް ދެމިގެން ދާނެކަމަށް ސްޕެއިންގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ބުންޏެވެ.

ލޮޕެޓީގް ބުނީ މެޗަށް ނުކުތީ އެންމެ ބާރަ ދުވަހުގެ ތަމްރީންތަކަށް ފަހު ކަމަށާއި އެއީ މެޗުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. މިމެޗުން ބަލިވުމާއެކު ސެވިއްޔާ ބަލިނުވެ ދެމެހެއްޓި 21 މެޗުގެ ރެކޯޑަށް ވަނީ ނިމުމެއް އައިސްފައެވެ.