ކުޅިވަރު

ބޭނުންވަނީ ފުރަތަމަ ކަނޑައެޅި އަމާޒު ހާސިލުކުރަން: ޕިއޯލީ


ޔުރޮޕާ ލީގުގެ ޕްލޭ އޮފްގައި މިރޭ ޕޯޗުގަލްގެ ރިއޯ އަވޭ އާ ދެކޮޅަށް ނުކުންނައިރު އަމާޒަކީ މި ސީޒަނުގައި ކަނޑައެޅި ފުރަތަމަ އަމާޒު ހާސިލުކުރުންކަމަށް އެސީ މިލާންގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނެފިއެވެ.

މިރޭ ރަށުން ބޭރުގައި ކުޅޭ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޕިއޯލީ ބުނީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ޒަލަޓަން އިބްރަހިމޮވިޗުގެ ނެތަސް އެޓީމަށް މައްސަލަތައް ކުރިމަތިނުވާނެކަމަށާއި ޓީމުގައި ތިބި ކުޅުންތެރިންނާއެކު އޭނާ ކަނޑައެޅި ފުރަތަމަ އަމާޒު ހާސިލު ކުރެވޭނެކަމަށެވެ. އިބްރަހިމޮވިޗް ކޯވިޑް-19 އަށް ޕޮޒިޓިވުމުން ފަރުވާ ހޯދުމަށް މިވަގުތު ކުޅުންތެރިޔާ ހުރީ ޓީމާ ވަކިން އެކަހެރިވެގެންނެވެ.

އޭނާ ބުނީ މެޗު ކާމިޔާބުކޮށްގެން މުބާރާތުގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދަން ކުރެވުނު ހުރިހާ ކަމެއް ކުރާނެކަމަށެވެ. ޕިއޯލީ ބުނީ މިހާހިސާބަށް މިއައީ ދިގު އިންތިޒާރަކަށް ފަހުކަމަށާއި މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާން މިހާ ކައިރިއަށް އައިސް ދެން ފެއިލްވާން ބޭނުން ނުވާކަމަށެވެ. މިރޭ މެޗުން މޮޅުވާ ޓީމެއް މި ސީޒަންގެ ޔުރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުން ޖާގަ ލިބޭނެއެވެ.