ކުޅިވަރު

ހަޒާޑަށް އަނިޔާވެ ހަތަރު ހަފްތާއަށް ކުޅުމާއި ދުރަށް


ރެއާލް މެޑްރިޑުގެ އެޑެން ހަޒާޑް އަނިޔާއިން މުޅިން ރަނގަޅު ނުވެ އަނެއްކާވެސް ހަތަރު ހަފްތާއަށް ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.

ހަޒާޑް ރެއާލް މެޑްރިޑާ ގުޅުނު ފަހުން ވަނީ ކައިރިކައިރީގައި އަނިޔާގެ އެކި މައްސަލަތައް ދިމާވާން ފަށާފައެވެ. އަނިޔާގައި ހުރި ކުޅުންތެރިޔާ އަށް މިމަހުގެ ތެރޭގައި ރެއާލް މެޑްރިޑުގެ މެޗުތަކުގެ އިތުރުން ބެލްޖިއަމްގެ މުހިންމު މެޗުތައްވެސް ގެއްލޭނެއެވެ. އަދި މިމަހު ފަހުކޮޅު އޮންނަ އެލް ކްލެސިކޯ މެޗު ވެސް ހަޒާޑަށް ގެއްލުމުގެ ފުރުޞަތު ބޮޑެއެވެ. މިހާތަނަށް މެޑްރިޑަށް 22 މެޗު ކުޅެދިން ހަޒާޑް އަނިޔާއިން މުޅިން ރަނގަޅުވެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެވޭނީ މިމަހު ފަހުކޮޅު ކަމަށް ރެއާލް މެޑްރިޑާ ހަވާލާދީ ސްޕެއިންގެ މީޑިޔާތާކުން ރިޕޯޓްކުރެއެވެ.

ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ހަޒާޑުގެ މުހިންމުކަން މިދަނޑިވަޅު ކުލަބަށް ބޭނުންކަމަށާއި އޭނާ އަނިޔާގައި ދިގު މުއްދަތެއްގައި ހުންނަ ޖެހުމުން ދަތިވާކަމަށެވެ. އިނގިރޭސި ކުލަބު ޗެލްސީ ދޫކޮށް ހަޒާޑް ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ގުޅުނީ މިދިޔަ ސީޒަނުގައެވެ. މިހާތަނަށް އެއް ސީޒަނެއްގައި އަނިޔާގެ މައްސަލަތަކުގެ ސަބަބުން ހަޒާޑްވަނީ މެޑްރިޑުގެ 29 މެޗެއް ގެއްލިފައެވެ.