ކުޅިވަރު

ޔުއެފާ އެވޯޑްތައް ޑޮމިނޭޓް ކުރީ ބާޔާންގެ ކުޅުންތެރިން


ޔުއެފާއިން ހޮވި އަހަރު އެންމެ މޮޅު މަގާމްތަކަށް އެންމެ މަގާމެއް ފިޔަވާ ހުރިހާ މަގާމެއް ޖަރުމަނުގެ ބަޔާން މިއުނިކްގެ ކުޅުންތެރިންނަށް ލިބިއްޖެއެވެ.

ސްވިޒަލެންޑްގެ ޖެނީވާގައި ބޭއްވި އެވޯޑް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބަޔާން މިއުނިކަށް ގެއްލުނު ހަމައެކަނި މަގާމަކީ އަހަރުގެ އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިޔާގެ އެވޯޑެއެވެ. އެ އެވޯޑް ހާސިލްކުރީ މެންޗެސްޓަރ ސީޓިގެ ކެވިން ޑިބްރޭނާއެވެ. އެވޯޑުގެ އެކި މަގާމްތައްކަށް ބަޔާން މިއުނިކަށް ނިސްބަތްވާ ހަތް ކުޅުންތެރިޔަކު ވާދަކުރިއިރު މިއަހަރު އަލަށް ތައާރަފް ކުރި އެންމެ މޮޅު ކޯޗު މަގާމު ލިބުނީ ބަޔާން މިއުނިކަށް ހަވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިދިން ކޯޗު ހެންސީ ފްލިކްއެވެ.

އަހަރުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ލިބުނީ ބަޔާން މިއުނިކްގެ ކެޕްޓަން މެނުއަލް ނޯޔާއަށެވެ. ނޯޔާ ވަނީ މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި 6 މެޗެއްގައި ކްލީން ޝީޓް ހަދާފައެވެ. އަހަރުގެ އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ޖަރުމަނުގެ ބަޔާން މިއުނިކުގެ ޖޯޝުޔާ ކިމިޗްއެވެ. އެންމެ މޮޅު ފޯވާޑްގެ މަގާމު ބަޔާން މިއުނިކްގެ ލެވަންޑޯސްކީ ހޯދިއިރު އޭނާ ވަނީ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ.