ޚަބަރު

އައްޑޫ އަދި ފުވައްމުލައް ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައަޅައިފި


އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަކީ ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަކީ ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމާއި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް ވަނީ އެ ދެ ސިޓީގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި މިއީ ދެ ސަރަހައްދުގެ ތިމާވެށި ހިމާޔަތްކުރުމަށް ލިބިގެންދާ އިތުރު ފުރުސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ އަދި ފުވައްމުލަކު ސިޓީއަށް ބަޔޮސްފިއަރ ރިޒާވްގެ ލަޤަބު ލިބިފައިވަނީ، ޔުނެސްކޯގެ މޭން އެންޑް ބަޔޮސްފިއަރ ރިޒާވުގެ އިންޓަނޭޝަނަލް ކޯޑިނޭޓިންގް ކައުންސިލުގެ 32 ވަނަ ބައްދަލުވުމުގައެވެ. އޮންލައިންކޮށް ބޭއްވި މިބައްދަލުވުމުގައި ދެ ސިޓީގެ މޭޔަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ރައްޖޭގެ ފަރާތުން އެންވައިރޮމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަންވެސް ވަނީ އޮންލައިންކޮށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެންވައިރޮމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ވިދާޅުވީ މިއަދު އައްޑޫ އާއި ފުވައްމުލަކަށް މިލަޤަބު ލިބިގެން ދިއުމަކީ، މިދެ ސަރަހައްދުގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖެއަށް ތާރީޙީ ދުވަހަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖެ އަކީ މުރަކަ އަތޮޅުތަކާއި ފަރުތަށް ހިމެނޭ ތަނެއް ކަމަށާއި ރާއްޖޭގެ ހުރިހާ އެންމެވެސް ދިރިއުޅުމަށާއި، ކެއިން ބުއިމަށް މިޤުދުރަތީ މުއްސަނދި ކަމަށް ބަރޯސާވާ ކަމަށެވެ. އަދި މިހާރު އޮތް އެންމެ ބޮޑު ނުރައްކަލަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ނަހަމަ ގޮތުގައި މިތަންތަނުގެ ބޭނުން ކުރެވިގެން ދިއުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް މިލަޤަބު ލިބިގެން ދިއުމާއެކު ރާއްޖޭގެ 3 ސަރަހައްދެއް ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި އޮންނާނެއެވެ. އެއީ 2011 ވަނަ އަހަރު ކަނޑައެޅުނު ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް އާއި މިއަދު ކަނޑައެޅިގެން މިދިޔަ ފުވައްމުލަކު އަދި އައްޑޫ ބަޔޮސްފިއަރ ރިޒާވްއެވެ.

ޔުނެސްކޯގެ މޭން އެންޑް ބަޔޮސްފިއަރ ޕްރޮގްރާމުގެ ބޭނުމަކީ ތަނެއްގައިވާ ގުދުރަތީ ރީތިކަމާއި އެތަނެއްގައި ދިރިހުރި ދިރުމެއްގެ އަސްލު ނުގެއްލޭގޮތަށް ތަނެއް ހިމާޔަތްކޮށް ބެލެހެއްޓުމެވެ. އައްޑޫ އާއި ފުވައްމުލައް ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅުނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުއެވެ.