ދުނިޔެ

ތިން ދުވަހުގެ މުއްދަތަށް ކޮލޮމްބޯ ފުރަބަންދަށް


ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ އަނެއްކާވެސް ފުރަބަންދުކޮށްފިއެވެ. ސްރީލަންކާގައި މިހާތަނަށް 9،791އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 19 މީހުންވަނީ މަރުވެފައެވެ. 21 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާއިންވަނީ އެންމެ ފުރަތަމަ ބަލި ފެތުރެން ފެށި ދުވަސްވަރުގައި މާރިޗު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ހަރުކަށި ފުރަބަންދެއް ޤާއިމްކޮށްފައެވެ. އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނީ މުޖުތަމަޢުގެ ތެރޭގައި ބަލިފެތުރުން ހުއްޓުމުންނެވެ.

ފާއިތުވި ތިން ހަފުތާގެ ތެރޭގައި އަނެއްކާވެސް ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ސްރީލަންކާގައި އިތުރުވާން ފަށައިފައެވެ. އެ ތިން ހަފްތާގައި ހެދުން އުފައްދާ ކާރުޚާނާއެއްގައި މަސައްކަތްކުރާ 1،000އަށްވުރެ ގިނަ މަސައްކަތްތެރިންނަށްވަނީ ބަލިޖެހިފައެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް 586 މީހުންނަށް އެ ޤައުމުގައިވަނީ ބަލިޖެހިފައެވެ.

ޤައުމުގެ ޙާލަތު ގޯސްވަމުންދާތީ ވެރިރަށް ކޮލޮމްބޯއާއި ކޮލޮމްބޯއާއި އިންވެގެން އޮންނަ ދެ ޑިސްޓްރިކްޓެއްގައި ތިން ދުވަހުގެ މުއްދަތަށް ފުރަބަންދުގެ އުސޫލުތައް މިހާރުވަނީ ޤާއިމްކޮށްފައެވެ. އެއާއެކު ކޮންމެހެން ފުއްދަންޖެހޭ ޒަރޫރީ ބޭނުންތައް ފުއްދުމަށް ނޫންގޮތަކަށް ބޭރުތެރެއަށް ނުކުމެ އުޅުން އެ ތިން ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް މަނާވާނެއެވެ. ބަލިފެތުރޭ މިންވަރަށް ރިޢާޔަތްކޮށް ފުރަބަންދުގެ މުއްދަތު އިތުރުކުރުމަކީ އެކަށީގެންވާކަމެއްކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ.