ކޯވިޑް-19

ރާއްޖެއިން އިތުރު 71 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


މިއަދު ރާއްޖެއިން އިތުރު 71 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ބުދަ ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 60 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން 11 މީހުން ޕޮޒިޓިވްވެފައި ވާކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 71 މީހުންގެ ތެރެއިން 15 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 56 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11،893 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 19 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11،010 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހިގެން 38 މީހުން މިހާތަނަށް ވަނީ ނިޔާވެފައެވެ. އެއީ 31 ދިވެހިންނާއި، 7 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 838 އަށް އަރާފައިވާއިރު 185 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 56 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެކަކަށް އައި.ސީ.ޔޫގައި ފަރުވާދެމުންދާއިރު، 16 ވަނަ ފަންގިފިލާގައި ވޯޑުގައި 2 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 41 މީހަކަށް ވޯޑުގައި ފަރުވާދެމުންދާއިރު، 2 މީހަކަށް އަންނަނީ އައި.ސީ.ޔޫގައި ފަރުވާދެމުންނެވެ.

އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ބ.އޭދަފުށީގައި 6 މީހުނަށް އަދި ލ. ގަމުގައި 4 މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1،758 ސާމްޕަލެއް ވަނީ ނަގާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 13 ރަށަކުންނާއި، 30 ރިސޯޓަކުން ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. އެގޮތުން އަތޮޅުތަކުން 5 ދިވެއްސަކަށާއި، 10 ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ރިސޯޓުތަކުން 52 ފަތުރުވެރިއަކާއި، 120 މުވައްޒަފަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.