ކޯވިޑް-19

ކޯވިޑް-19 : ކަނޑިންމަ ރިސޯޓުގެ މުވައްޒަފު ނިޔާވި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި


ކަނޑިންމަ ރިސޯޓުގައި ކޯވިޑް-19 ޖެހިގެން މުވައްޒަފަކު ނިޔާވި މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

ކަނޑިންމަ ރިސޯޓުގެ އެންމެފަހުގެ ޙާލަތާގުޅޭ މަޢުލޫމާތު ހިއްސާކުރައްވަމުން އެޗް.އީ.އޯ.ސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، މިކަން ހިނގާދިޔަގޮތް ބެލުމަށް އެ ސެންޓަރުގެ ޚާއްސަ ޓީމެއް މިމަހުގެ ދެވަނަ ދުވަހު ކަނޑިންމަ ރިސޯޓަށްގޮސްފައިވާ ކަމަށެވެ. އަދި މިކަމާގުޅިގެން ބަލަންޖެހޭކަންކަން ބެލުމަށްފަހު އެ ޓީމުން ތައްޔާރުކުރި ރިޕޯޓް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ބެއްލެވުމަށްފަހު، މިކަން އިތުރަށް ތަޙްޤީޤުކުރުމަށް ފުލުހުންނަށް މިއަދު ހުށަހަޅާފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"ނިޔާވި ކޭސްއާއި ގުޅިގެންވެސް ކަންތައްތައް ހިނގާދިޔަގޮތް ބަލާ، ހޮސްޕިޓަލުގައި އަދި ރިސޯޓުގައިވެސް ކަންތައްތައް ހިނގާދިޔަގޮތް ބަލާ، އެކަމާގުޅިގެން ބައެއް ބޭފުޅުންގެ ފަރާތުން މަޢުލޫމާތުވެސް ވަނީ ސާފުކުރެވިފައި. މި ޓީމް މާލެ އައީ މިއަދު މެންދުރު. މިހާރު ޓީމްގެ ރިޕޯޓް ނުވަތަ ފައިންޑިންގްސްތައް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި ވަނީ ހިއްސާކުރެވިފައި. އަދި މި ފައިންޑިންގްސްތައް ބެއްލެވުމަށްފަހު ޑީޖީ ވަނީ މިކަން އިތުރަށް އިންވެސްޓިގޭޓްކުރުމަށް ޕޮލިހަށް މިރޭ ހުށަހަޅުއްވާފައި" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކަނޑިންމަ ރިސޯޓުގައި ކޯވިޑް-19ގެ އައުޓްބްރޭކް ކޮންޓްރޯލްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރާ މިންވަރު ބެލުމަށްޓަކާ ދ. އަތޮޅު ހޮސްޕިޓަލުގެ ނަރުހަކާއި ހެލްތް ވޯކަރެއް މިހާރުވެސް އެ ރިސޯޓުގައި ހަރަކާތްތެރިވަމުން ދާކަމަށެވެ. އަދި ދ. އަތޮޅުގެ ބައެއް ރަށްތަކުންވެސް އެކްޓިވް ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ކަނޑިންމަ ރިސޯޓުން ކޯވިޑް-19ގެ އެކްޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އެ ރިސޯޓު މޮނިޓަރިންގެ ޙާލަތަށްލާފައި ވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ޑރ. ނަޒްލާ ވިދާޅުވީ އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މިމަހުގެ އެއްވަނަ ދުވަހު 20 މީހަކު، އަދި 3 ވަނަ ދުވަހު 30 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އެތަނުގައި ޗުއްޓީ ހޭދަކުރުމަށްދިޔަ ފަތުރުވެރިންގެ ތެރެއިން ފަތުރުވެރިއެއްގެ ޑިޕާޗަރ ސާމްޕަލް ޕޮޒިޓިވްވެފައި ވާކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.