ޚަބަރު

ކޯވިޑް-19: މިދިޔަ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ބަލިޖެހުނު މީހުންގެ ޢަދަދު މަދު


ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު މަދުވެއްޖެއެވެ. ވޭތުވެދިޔަ މަސްތަކާ އާޅާބަލާއިރު މިދިޔަމަހު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވެފައިވަނީ 44 މީހުންނެވެ.

ވޭތުވެދިޔަ 5 މަސްދުވަހުގެ ތެރޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތަފާސްހިސާބަށް ބަލާއިރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ބަލިޖެހިފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ މަދުވާންފަށާފައެވެ. އެގޮތުން މިދިޔަ ޖޫންމަހު ދުވާލެއްގެ މައްޗަށް 21 މީހުންނަށް ބަލި ޖެހުނުއިރު ޖުލައިމަހު ދުވާލެއްގެ މައްޗަށް ބަލިޖެހިފައިވަނީ 45 މީހުންނަށެވެ.

ރާއްޖެއިން މިބަލި ފެނުނުފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އޯގަސްޓަމަހުއެވެ. އެމަހު ދުވާލެއްގެ މައްޗަށް 129 މީހުނަށް ވަނީ ބަލިޖެހިފައެވެ. އޭގެ ފަހުން ސެޕްޓެމްބަރު މަހު މިޢަދަދު ދަށްވާންފަށާފައިވާއިރު އެމަހު ދުވާލެއްގެ މައްޗަށް 82 މީހުންނަށްވަނީ ބަލިޖެހިފައެވެ. ނިމިދިޔަ އޮކްޓޯބަރު މަހު މިޢަދަދުވަނީ އަނެއްކާވެސް ދެގުނަ ދަށަށް ޖެހިލާފައެވެ. އޮކްޓޯބަރު މަހު ޕޮޒިޓިވްވެފައިވަނީ ދުވާލެއްގެ މައްޗަށް 44 މީހުންނެވެ.

މިހާތަނަށް އައިއިރު މަހުގެ ފުރަތަމަ 5 ދުވަހު އެންމެ މަދުން މީހުން ޕޮޒިޓިވްވެފައިވަނީ މިމަހުއެވެ. އެގޮތުން ނޮވެމްބަރު މަހުގެ ފުރަތަމަ 5 ދުވަހު 234 މީހުން ޕޮޒިޓިވްވެފައިވާއިރު އޮކްޓޯބަރު މަހު ޕޮޒިޓިވްވީ 276 މީހުންނެވެ. ސެޕްޓެމްބަރު މަހުގެ ފުރަތަމަ 5 ދުވަހު އެކަނިވެސް 682 މީހުން ޕޮޒިޓިވްވެފައިވާއިރު އެންމެ ގިނައިން ބަލިޖެހުނު މަސްކަމަށްވާ އޯގަސްޓްމަހުގެ ފުރަތަމަ 5 ދުވަހު ޕޮޒިޓިވްވެފައިވަނީ 801 މީހުންނެވެ.

ޖޫން މަހު ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ޖުމްލަ 633 މީހުންނެވެ. ޖުލައި މަހު 1412 މީހުން ޕޮޒިޓިވްވެފައިވާއިރު ވޭތުވެދިޔަ މަސްތަކުގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އޯގަސްޓްމަހުގައެވެ. އެއީ 4011 މީހުންނެވެ. ސެޕްޓެމްބަރު މަހު ދެބައިކުޅައެއްބައި މީހުން މަދުން ޕޮޒިޓިވްވީއިރު އެމަހު ޕޮޒިޓިވްވެފައިވަނީ 2487 މީހުންނެވެ. ނިމިދިޔަ އޮކްޓޯބަރު މަހު ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ އޭގެ ކުރީ ދެމަހާ އާޅާބަލާއިރު ބޮޑުތަކުން މަދުވެފައެވެ. އެގޮތުން މިދިޔަ މަހު ޕޮޒިޓިވްވެފައިވަނީ 1368 މީހުންނެވެ.

ކޯވިޑް-19ގެ ކޭސްތައް ޕޮޒިޓިވްވަމުންދާ ނިސްބަތް އަދިވެސް ރައްކާތެރިކަން ކަށަވަރުކުރެވޭ މިންވަރަށް ތިރިނުކުރެވެއެވެ. ވޭތުވެދިޔަ ފަސް މަސްދުވަހުގެ ތެރޭގައި ޖުމްލަ 9911 މީހަކުވަނީ ރާއްޖެއިން ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 6863 ދިވެހިންނާއި 3048 ބިދޭސީންނެވެ.

ބަލި ޖެހެމުންދާ މީހުންގެ ޢަދަދު އެވްރެޖްކޮށް މަދުވެފައިވީނަމަވެސް މިބަލި ރާއްޖޭގެ އެކި ރަށްރަށުން ފެންނަމުން ދިޔުމުގެ ބިރު މިހާރު އޮތީ ބޮޑުވެފައެވެ. އެހެންކަމުން އެރަށުން އަނެއް ރަށަށް ދިޔުމުގައި މިހާރުވެސް އިތުރަށް ސަމާލުވުމަށް އެޗްއީއޯސީން އިލްތިމާސްކުރައްވައެވެ. އަދި ބައްޔާ ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ފަރުދީގޮތުން އަދިވެސް އަޅަމުންގެންދިޔުމަށް އެސެންޓަރުން އެދެއެވެ.