ކޯވިޑް-19

ކޯވިޑް-19 : ކަނޑިންމަ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 60 އަށް


ކަނޑިންމަ ރިސޯޓުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 60 އަށް އަރައިފިއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ކަނޑިންމަ ރިސޯޓުން ފެނުނު ކޭސްގެ އިތުރުން، އެ ރިސޯޓުގައި ކަރަންޓީނުގައި ތިބި ބަޔަކުވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވާކަމަށެވެ. އަދި މިހާތަނަށް ކޮންޓެކްޓުންގެ ގޮތުގައި 44 ފަރާތެއް ދެނެގަނެވިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކަނޑިންމަ ރިސޯޓުން ކޯވިޑް-19 ޖެހިގެން މުވައްޒަފަކު ނިޔާވި މައްސަލަ ފުލުހުން ވަނީ އިތުރަށް ތަޙްޤީޤުކުރަން ފަށާފައެވެ. މިކަން ހިނގައިދިޔަގޮތް ބެލުމަށް އެޗް.އީ.އޯ.ސީގެ ޚާއްސަ ޓީމެއް މިމަހުގެ ދެވަނަ ދުވަހު ކަނޑިންމަ ރިސޯޓަށްގޮސްފައި ވެއެވެ. އަދި މިކަމާގުޅިގެން ބަލަންޖެހޭކަންކަން ބެލުމަށްފަހު އެ ޓީމުން ތައްޔާރުކުރި ރިޕޯޓް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ބެއްލެވުމަށްފަހު، މިކަން އިތުރަށް ތަޙްޤީޤުކުރުމަށް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކަނޑިންމަ ކޭސްގައި، ރިސޯޓުން ނިޔާވި މީހާގެ މައްސަލައިގައި، އޭނާގެ ހިސްޓްރީ ދިނުމުގައި އެކި ފަހަރު އެކިގޮތަށް ދީފައިވާކަން ފާހަގަކުރެވިފައިވާކަމަށާއި، މިކަމުގައި އަދިވެސް އިތުރަށް ބަލަންޖެހޭކަންކަން ފާހަގަކުރެވުނު ކަމަށެވެ.

އެ ރިސޯޓުގައި ކޯވިޑް-19ގެ އައުޓްބްރޭކް ކޮންޓްރޯލްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރާ މިންވަރު ބެލުމަށްޓަކައި ދ. އަތޮޅު ހޮސްޕިޓަލުގެ ނަރުހަކާއި ހެލްތް ވޯކަރެއް އެ ރިސޯޓުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ދ. އަތޮޅުގެ ބައެއް ރަށްތަކުންވެސް އެކްޓިވް ސާމްޕަލްތައް ނެގުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ކަނޑިންމަ ރިސޯޓުން ކޯވިޑް-19ގެ އެކްޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އެ ރިސޯޓު މޮނިޓަރިންގެ ޙާލަތަށްލާފައި ވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.