ކޯވިޑް-19

ފުރަބަންދު ކަރަންޓީން އުވާލެވެންއޮތީ ޕޮޒިޓިވިޓީ ރޭޓާއި އިންޑިޕެންޑެންޓް ކޭސްތައް އަދިވެސް ދަށްވެގެން: ޑރ. ނަޒްލާ


ކޯވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށަކުން ބަލި ނެތް ރަށަކަށް ދާއިރު ކަރަންޓީންވާންޖެހޭ ޖެހުން ނިމުމަކަށް ގެނެވެންއޮތީ ޕޮޒިޓިވިޓީ ރޭޓާއި، އިންޑިޕެންޑެންޓް ކޭސްތައް ދަށްވެގެންކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

ފުރަބަންދު ކަރަންޓީ އުވާލުމާގުޅޭގޮތުން ވާހަކަދައްކަވަމުން އެޗް.އީ.އޯ.ސީގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، އަތޮޅުތަކުގެ ރަށްރަށުގައި ކޯވިޑް-19 އެހާބޮޑަށް ފެތުރުނަނުދީ ކޮންޓްރޯލް ކުރެވުނު މައިގަނޑު ސަބަބަކީ ފުރަބަންދު ކަރަންޓީންވާންޖެހޭގޮތަށް ކަނޑައެޅި ކަނޑައެޅުންކަމަށެވެ. އަދި ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ ބަލި ފެތުރޭ ސަރަޙައްދަކުން އެހެން ސަރަހައްދުތަކަށް ކަރަންޓީންވުމަކާނުލާ ދިއުމަކީ އެންމެ ރައްކާތެރިގޮތެއްކަމަށް ދެކެޑަވަޑައިނުގަންނަވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ރަށްރަށަށް ގޮސް 14 ދުވަހު ކަރަންޓީންވާންޖެހޭގޮތަށް އޮތް އޮތުން އުވާލާނެ ސީދާ ތާރީޚެއް އަދި ބުނަން ނޭންގޭކަމަށެވެ. ފުރަބަންދު ކަރަންޓީން އުވާލުމުގައި ރާއްޖޭގައި ކޯވިޑް-19އަށް މީހުން ޕޮޒިޓިވްވާ ރޭޓާއި، އިންޑިޕެންޑެންޓް ކޭސްތައް ނުވަތަ އެއްވެސް ކްލަސްޓަރއަކާ ގުޅުމެއްނެތި ބައްޔަށް ޕޮޒިޓިވްވާ ރޭޓަށް ވަރަށް ބޮޑަށް ބަލާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އިންޑިޕެންޑެންޓް ކޭސްތައް މަދުވާ ވަރަކަށް އަޅުގަނޑުމެންނަށް ބަލި ކޮންޓްރޯލްވެއްޖެކަން ޔަޤީންކުރެވޭނީ. އަޅުގަނޑުމެންނަށް ނޭންގޭ ޓްރާންސްމިޝަނެއްގައި ނޫނީ ނުދަންނަ ކްލަސްޓަރއެއްގެ ތެރޭގައި މީހުން އުޅެނީ އިންޑިޕެންޑެންޓް ކޭސްތައް ގިނައިން އުޅޭކަމަށްވަންޏާ. އެކަހަލަ ހާލަތެއްގައި މީހުން ރަށްރަށަށް ކަރަންޓީންވުމަކާނުލާ ދާންފަށައިފިއްޔާ އެ ރަށްރަށުގައި އަޅުގަނޑުމެންނަށް ނޭންގި ބަލި ފެތުރެން ފަށާފާނެ. އެހެންވީމަ މީގަ އެންމެ ރަނގަޅުގޮތަކީ އިންޑިޕެންޑެންޓް ކޭސްތައް މަދުވެފައި ޕޮޒިޓިވިޓީ ރޭޓްވެސް ދަށްކޮށް ހިފެހެއްޓިފައި ހުންނަ ހާލަތެއްގައި އެގޮތަށް ހުއްދަދިނުން" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19ގެ މިހާރުގެ ޙާލަތަށް ބަލާއިރު، ޕޮޒިޓިވިޓީ ރޭޓާއި، އިންޑިޕެންޑެންޓް ކޭސްތަކުގެ ޓްރެންޑްވެސް ހުރީ ދަށަށް ކަމަށެވެ. އެގޮތުން ޕޮޒިޓިވިޓީ ރޭޓް 4 އިންސައްތައާއި 2 އިންސައްތައިގައި ހުރިއިރު، އިންޑިޕެންޑެންޓް ކޭސްތައްވެސް ދަށްވާން ފަށާފައިވާކަން ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އަދަދުތައް މިގޮތުގައި ހިފެހެއްޓިއްޖެނަމަ، ފުރަބަންދު ކަރަންޓީން ދޫކޮށްލާ، މީހުންނަށް ސީދާ ރަށަށްދެވޭނެ ގޮތަށް ހުޅުވާލެވޭނެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.