ޚަބަރު

ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިވެގެން ދިޔުމުގައި ރައީސް މައުމޫނުގެ ހިއްސާ ބޮޑު - ހަރްޝް ވަރްދަން


ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ ގުޅުން ބަދަހިވެގެން ދިޔުމުގައި ރައީސް މައުމޫނު ވަރަށް ބޮޑުހިއްސާއެއް އަދާކުރައްވާފައިވާ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރީގެ ރައީސް އަދި އެމް.އާރް.އެމް.ގެ އިންތިޤާލީ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ދެބޭފުޅުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ފޮރިން ސެކްރެޓަރީ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅު ފެށްޓެވުމުގެ ކުރިން ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރެއްވި ކަމަށާއި ރައީސް މައުމޫނަށް ބޮޑުވަޒީރު މޯދީގެ ހެޔޮއެދުންތައް ރައްދުކޮށް ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި ކަމުގައި ވިދާޅުވިއެވެ.

ރައީސް މައުމޫނަކީ ސިޔާސީ މުއްސަނދި ތަޖުރިބާތަކެއް ޙާޞިލް ކުރައްވާފައިވާ އަދި އިންޑިޔާ ސަރުކާރު އަބަދުވެސް ވަރަށް ބޮޑަށް އިޙްތިރާމް ކުރައްވާ ބޭފުޅެއް ކަމުގައި ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި އިންޑިޔާ އާ ދެމެދުގައިވާ ގުޅުން ބަދަހިވެގެން ދިޔުމުގައި އެމަނިކުފާނު ވަރަށް ބޮޑުހިއްސާއެއް އަދާކުރައްވާފައިވާ ކަމަށް ވިދާޅުވެ ރައީސް މައުމޫނަށް ފޮރިން ސެކްރެޓަރީ ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާއަކީ ރާއްޖޭގެ އަބަދުވެސް އެންމެ ގާތް ރަޙްމަތްތެރިޔާ ކަމަށް ވިދާޅުވެ ރާއްޖޭގެ ތަރައްޤީގައި ވެދެއްވާ ގިނަގުނަ އެހީތެރިކަމަށްޓަކައި އިންޑިޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

ޚާއްޞަކޮށް އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ދުވަސްވަރު އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއާ މެދު ގެންގުޅުއްވި ގާތް ރަޙްމަތްތެރި ކަމުގެ ހަރުދަނާ ސިޔާސަތަށްޓަކައި ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ ރިޔާސަތުގައި އިންޑިޔާގެ އިސްބޭފުޅުންނާ ގާތް ގުޅުމެއް ބެހެއްޓެވި ކަމަށާއި އޭގެތެރެއިން ގިނަ ބޭފުޅުން ރާއްޖެއަށް ޒިޔާރަތް ކުރެއްވި ކަމުގައިވެސް ވިދާޅުވިއެވެ

އަދި މިހާރު ދެޤައުމުގެ ދެމެދު ވެވޭ އެއްބަސްވުންތަކަކީ އޭގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ ފައިދާތަކެއް ކުރުވާނެ އެއްބަސްވުންތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މައުމޫނުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ޕާޓީ އެމް.އާރް.އެމް. އަކީ މިހާރު މި އޮތް ކޯލިޝަން ސަރުކާރުގެ ބައިވެރިއެއް ކަމަށާއި، އެމް.އާރް.އެމް.އިން ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށްވެސް ވިދާޅުވިއެވެ.