ޚަބަރު

ޓެރަރިޒަމްގެ ޙަމަލާ ދޭންއުޅުނީ ތިމަރަފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރަކަށްކަމަށްބުނެ ފަތުރަނީ ސައްޚަ ވާހަކައެއް ނޫން


ތ. ތިމަރަފުށީގައި ބާއްވަން އުޅުނު ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއް ފުލުހުން ހުއްޓުވާފައިވާކަމަށްބުނެ ފަތުރާފައިވާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދާކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން އެ އަމަލު ހުއްޓުވައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަން ފުލުހުން ރޭވަނީ ވިދާޅުވެފައެވެ. ފުލުހުން ހުއްޓުވާފައިވަނީ ތ. ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ރާވާފައިވާ ހަމަލާއެއްކަމަށްބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވަނީ ސައްހަ މައުލޫމާތެއް ނޫންކަމަށް ފުލުހުންވަނީ މިއަދު ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ތިން ސަރަހައްދަކުން މީހުން ހައްޔަރުކޮށް ތަންތަން ބަލާ ފާސްކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަން އަދިވެސް ކުރިއަށްދާކަމަށާއި، މިއޮޕަރޭޝަން ކުރިއަށްދާ މިންވަރަކުން މައުލޫމާތު ފުލުހުން ހާމަކުރަމުންގެންދާނެކަމަށް އެސަރވިސްއިން ވިދާޅުވިއެވެ.

ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާ ގުޅުން ހުރި މިފަދަ ޙައްސާސް މައްސަލަތަކުގައި ކަމާގުޅޭ އިދާރާތަކުން ހާމަކުރާ ސައްޙަ މައުލޫމާތު ނޫނީ ނުފެތުރުމަށް ފުލުހުންވަނީ މީޑިއާތަކަށް އިލްތިމާސް ކުރައްވާފައެވެ.

ޓެރަރިޒަމްގެ އަމަލު ހިންގަންއުޅުނުކަމުގެ ތުހުމަތުގައި ފުލުހުން ފަށާފައިވާ އޮޕަރޭޝަންގައި ރޭ ތ.ތިމަރަފުށިން ހައްޔަރުކުރި މީހާއާއެކު މިމަސަލައިގައި މިހާތަނަށް ޖުމްލަ 6 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ރޭ ތިމަރަފުށިން ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިކަމާއި ގުޅިގެން ފުލުހުން މިހާރު ހަރަކާތްތެރިވަމުން ދަނީ މާލެއާއި މާލެ އަތޮޅު ކަނޑުމައްޗާއި ތ.ތިމަރަފުށީގައި ކަމަށާއި މި އޮޕަރޭޝަންގައި މާލެއިން އެކަކު، ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހަކު އަދި ތިމަރަފުށިން މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ ކުރިން ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މި އެންމެންނަކީވެސް ދިވެހި ފިިރިހެނުންކަމަށެވެ.

ޕީއެސްއެމްނިއުސްއަށް ދެއްވި ބަސްދީގަތުމުގައި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ތިމަރަފުށިން ހައްޔަރުކޮށްފައި ވަނީ އެކަމުގައި އެރަށުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތު ކުރެވޭ މީހާކަމަށެވެ. އަދި މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދޯންޏެއް ގެނެސްފައިވާ ކަމަށާއި އިތުރުތަންތަން ބަލައި ފާސްކުރަމުން ދާކަމުގައިވެސް ރިޔާޒު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ހަރުކަށި ފިކުރުގެ މީހުން ހިންގުމަށް ރާވަމުން ދިޔަ ޓެރަރިޒަމްގެ އަމަލުތަކެއް ފުލުހުން ހުއްޓުވާފައި ވެއެވެ.