ކޯވިޑް-19

ކޯވިޑް-19: ސީރޯ ޕްރިވަލެންސް ސަރވޭއަށް ބޭނުންވާ ރެންޑަމް ސާމްޕަލްތައް ނަގައި ނިންމާލައިފި


ސީރޯ ޕްރިވަލެންސް ސަރވޭއަށް ބޭނުންވާ ރެންޑަމް ސާމްޕަލްތައް ނެގުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ސީރޯ ޕްރިވެލަންސް ސަރވޭއަކީ، ރާއްޖޭގައި ކޯވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ގްރޭޓަރ މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން މި ބައްޔަށް ހުށައެޅިފައިވަނީ އާބާދީގެ ކިތައް އިންސައްތަ މީހުންތޯ ދެނެގަނެ، ކޯވިޑް-19 އިތުރަށް ފެތުރިގެންދާ ބާރުމިނާއި، ޕޮލިސީތަކަށް އިތުރަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭއެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، މި ސަރވޭއަށް ގްރޭޓަރ މާލޭ ސަރަހައްދުން ރެންޑަމް ސާމްޕަލްތައް ނެގުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މިކަމުގައި އެއްބާރުލުންދީ ބައިވެރިވި ފަރާތްތަކަށް އެޗް.ޕީ.އޭ އާއި އެމް.އެން.ޔޫގެ ފަރާތުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ސަރވޭއަށް ބޭނުންވާ ސާމްޕަލްތައް ނެގުމުގެ މަސައްކަތް މާލޭގައި ކޮށްފައި ވަނީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގައެވެ. އަދި ހުޅުމާލޭގައި ސާމްޕަލް ނަގާފައިވަނީ ޖެމްސް ޕްރީސްކޫލްގައެވެ. ވިލިމާލޭގައި ސާމްޕަލް ނެގުން ކުރިއަށްގެންގޮސްފައި ވަނީ ވިލިމާލޭ ހޮސްޕިޓަލުންނެވެ. މި ސަރވޭއަށް މީހުން ހޮވާފައި ވަނީ ގްރޭޓަރ މާލޭ ސަރަހައްދުގައި އުޅޭ މީހުންގެ ތެރެއިން ގުރުއަތުން ހޮވާލެވުނު ބައިވެރިންނެވެ. އަދި ދިރާސާއަށް ބައިވެރިން ގުރުއަތުން ހޮވާފައި ވަނީ އެކި އުމުރު ފުރާތަކަށް ބަހާލައިގެންނެވެ.

ސީރޯ ޕްރިވެލަންސް ސަރވޭގެ މަސައްކަތް އެޗް.ޕީ.އޭއިން ފަށާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. 4 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސަރވޭގެ ފުރަތަމަ ބުރުގައި ސާމްޕަލް ނެގުމުގެ މަސައްކަތް އެޗް.ޕީ.އޭއިން ކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކުއެވެ. ފުރަތަމަ ބުރުގައި ސާމްޕަލް ނަގާފައިވަނީ ހަމައެކަނި 18 އަހަރުން ދަށުގެ ކުދިންގެއެވެ. މިއީ އެންޓި ބޮޑީ ޓެސްޓަކަށްވުމުން މި ސަރވޭގައި ޓެސްޓް ހަދަނީ އާންމުކޮށް ލޭގެ ޓެސްޓް ހެދުމަށް ބޭނުންކުރާ މިންވަރަށްވުރެ މަދުން ލޭ ނަގައިގެންނެވެ. އަދި ލޭ ނަގާނީ ރެޕިޑް ރެސްޕޮންސް ޓީމުންނެވެ.