ކޯވިޑް-19

ދަރަނި ދެއްކުން 2021 ވަނަ އަހަރަށް ލަސްކުރުމަށް ޖީ-20 ގެ ޤައުމުތަކަށް ރާއްޖޭން ގޮވާލައިފި


ދަރަނި ދެއްކުން 2021 ވަނަ އަހަރަށް ލަސްކުރުމަށް ޖީ-20 ގެ ޤައުމުތަކަށް ގޮވާލުމަށް ޖީ-77 ގެ ޤައުމުތަކަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ފޮރިން މިނިސްޓަރ މިކަމަށް ގޮވާލެއްވީ، "ޖީ-77 އެންޑް ޗައިނާ"ގެ ޚާރިޖީ ވަޒީރުންގެ 44 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ކޯވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، 2030 އެޖެންޑާ އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކޯވިޑްގެ ސަބަބުން އެޅިފައިވާ ހުރަސްތައް" މި ޝިއާރުގެ ދަށުން މިއަހަރުގެ ޖީ-77 އެންޑް ޗައިނާ ބައްދަލުވުން ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ. މި ބައްދަލުވުމުގައި ޖީ-77 އެންޑް ޗައިނާގެ މެމްބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ކޯވިޑް19 ގެ ބަލިމަޑުގައި މަލްޓިލޭޓަރިޒަމްގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި "ސަޕްލައި އެންޑް ޑިމާންޑް" އަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން ތަރައްޤީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިޞާދަށް މިހާރަށްވުރެ ބޮޑު އަސަރެއް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހަމައެއާއެކު ފަޤީރުކަން އިތުރުވެ، އާމްދަނީގެ ފަރަޤު އިންތިހާއަށް ބޮޑުވެ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވާނެކަން ފާހަގަކުރެއްވިއެވެ.

ކޯވިޑް-19ގެ ސަބަބުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދަށް ކުރާ އަސަރު އިންތިހާއަށް ބޮޑުވާނެކަން ފާހަގަކުރައްވައި، މިނިސްޓަރ ޝާހިދު ވަނީ ޖީ-20 ގެ ޤައުމުތަކުން އިސްނަގައިގެން ފެށި ޑެޓް ސަރވިސް ސަސްޕެންޝަން އިނީޝީއޭޓިވްއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދަރަނި ދެއްކުން 2021 ވަނަ އަހަރަށް ލަސްކުރުމަށް ޖީ-20 ގެ ޤައުމުތަކަށް ގޮވާލުމަށް ޖީ-77 ގެ ޤައުމުތަކަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ. އަދި ޝަރުތުތަކެއް އެކުނުލެވޭ، މާލީ އިތުރު އެހީތެރިކަން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފޯރުކޮށްދިނުމަށް ޖީ-77 އިން ގޮވާލާފައިވާ ގޮވާލުން މިނިސްޓަރ ޝާހިދު ވަނީ ތަކުރާރުކުރައްވާފައެވެ.

މީގެ އިތުރުން މާލީ އިދާރާތަކުންނާއި، ޑިވެލޮޕްމަންޓް ބޭންކްތަކުން ކޮންސެޝަނަލް ފައިނޭންސިން ފޯރުކޮށްދިނުމުގައި ލުއި ގޮތްތަކެއް ހަދައިދިނުމަށް ޖީ-77 އިން ބާރުއެޅުމަށްވެސް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމުގައި ޖީ-77 ގެ ޤައުމުތަކުން އެއް ޤައުމުން އަނެއް ޤައުމަށް ވެދިން އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ތައުރީފް ކުރެއްވިއެވެ.

ކޯވިޑް-19 ގެ ސަބަބުން ދިމާވާ އިތުރު މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެކި ޤައުމުތަކުގައި ފުރަބަންދުތަކުގެ ސަބަބުން އަނިޔާގެ ރިޕޯޓްތައް އިތުރުވިކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި މިންތީގެ ހަމަހަމަކަމުގެ މުހިއްމުކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އަނިޔާގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް އެހީތެރިވުމަށް ހެލްޕްލައިންތަކާ ހިޔާތަކުގެ އިތުރުން އެމެޖެންސީ ފަންޑްތަކުގެ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަމެއް ދޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު 2030 އެޖެންޑާ ހާސިލްކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންގެ ޕްރޮޖެކްޓްތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށް، ސިޔާސަތު ކަނޑައެޅުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުން މުހިއްމުކަމަށް ވިދާޅުވިއެވެ.

ގްރޫޕް އޮފް 77 އެންޑް ޗައިނާއަކީ ތަރައްޤީވަމުން އަންނަ އދ ގެ މެމްބަރު 134 ޤައުމެއްގެ މައްޗަށް އެކުލެވޭ ކޯލިޝަންއެކެވެ.