ކޯވިޑް-19

މި އަހަރުގެ ނިޔަލަށް ކުއްޔަށް ލުއިދޭން އެޗް.ޑީ.ސީން ނިންމައިފި


ކޯވިޑް19އާ ގުޅިގެން ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީ އަށް ދަކަން ޖެހޭ ކުއްޔަށް ލުއި ދިނުމަށް ނިންމި ނިންމުން މި އަހަރުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، ފަރުދުންނާއި، ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެގޮތުން އެކޯޕަރޭޝަނުން ދޫކޮށްފައިވާ ފްލެޓު، ގޯތި، ރޯހައުސް އަދި ކޮމާޝަލް ޔުނިޓްތަކާއި ސިނާޢީ ބިންތަކަށް މިއަހަރުގެ އޭޕްރީލްމަހުން ފެށިގެން އިންސްޓޯލްމަންޓާއި ކުލީގެ 30 އިންސައްތައަށްވާ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ނިންމާފައިވާ ނިންމުން ޑިސެމްބަރުމަހުގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ތިލަފުއްޓާއި ގުޅީފަޅުން ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓްތަކާއި، ސިނާޢީ ބިންތަކަށްވެސް މި ލުއި ދިނުމަށް އެކޯޕަރޭޝަނުން ނިންމާފައި ވާކަމަށެވެ.

އޭޕްރީލްމަހުން ފެށިގެން އިންސްޓޯލްމަންޓާއި ކުއްޔަށްވާ ފައިސާގެ 30 އިންސައްތަ ދެއްކުން ފަސްކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި 31 ޑިސެމްބަރު 2020ގެ ނިޔަލަށް އެޗް.ޑީ.ސީގެ ވެބްސައިޓުގައިވާ އޮންލައިން އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އިންސްޓޯލްމަންޓާއި ކުއްޔަށްވާ ފައިސާގެ 30 އިންސައްތަ ދެއްކުން ފަސްކޮށްދިނުމަށް ނިންމާފައި ވަނީ 31 މާރިޗު 2020 އާ ހަމަޔަށް އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކާ ފަރާތްތަކަށް އެކަންޏެވެ. އަދި ކޮންމެ މަހަކު ދައްކަންޖެހޭ އިންސްޓޯލްމަންޓާއި ކުއްޔަށްވާ ފައިސާގެ 70 އިންސައްތަ އެޗް.ޑީ.ސީއަށް ދައްކާ ޚަލާޞްކުރުމުގެ ފުރުޞަތު 15 ޖެނުއަރީ 2021 އާއި ހަމައަށް އެޗް.ޑީ.ސީން ވަނީ ދީފައެވެ.

ޑައިރެކްޓް ޑެބިޓް އުޞޫލުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮަށް ފުލެޓު، ގޯތި، ރޯހައުސްއަށް އިންސްޓޯލްމަންޓް ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން އިންސްޓޯލްމަންޓް ދެއްކުން ފަސްކުރުމަށް މިހާތަނަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ކުރިއަށްއޮތް މަސްތަކުގައިވެސް އިންސްޓޯލްމަންޓްގެ 30 އިންސައްތަ ރީފަންޑް ކުރަން ބޭނުންވާނަމަ، އެކަން އެ ކޯޕަރޭޝަނަށް އެންގުމުން ރީފަންޑް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. ފައިސާ ދެއްކުން ފަސްކުރުމަށް ހަމަޖެހިފައިވާ މަސްތަކުގެ އިންސްޓޯލްމަންޓާއި ކުއްޔަށްވާ ފައިސާގެ 30 އިންސައްތަ އެޗް.ޑީ.ސީއަށް އަނބުރާ ދައްކަން 12 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފައިސާ އަނބުރާ ދައްކަން ފަށަން ޖެހޭނީ 2021 ވަނަ އަހަރުގެ ފެބްރުއަރީމަހުއެވެ.

މީގެ އިތުރުން އެޗް.ޑީ.ސީއަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން އެކި އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ނުދެއްކިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުން، އެޗް.ޑީ.ސީން ޢަމަލުކުރަމުންދާ ޑެޓް ކަލެކްޝަން ޕޮލިސީއާއި އެއްގޮތްވާގޮތުގެ މަތީން ފައިސާ ދެއްކުމަށް ލުއިތަކެއްދެވޭނެކަމަށް އެކޯޕަރޭޝަނުން ވިދާޅުވެފައިވެއެވެ.

ކުރިއޮތް ތަނުގައިވެސް ކޯވިޑް-19ގެ ޙާލަތަށް ރިޔާޢަތްކޮށް އިތުރު ލުއިތަކެއް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާނެކަމަށްވެސް އެޗް.ޑީ.ސީން ވަނީ ވިދާޅުވެފައެވެ.