ކޯވިޑް-19

ކޯވިޑް-19 : އެއަރޕޯޓުގެ ކާގޯ ޑިޕާޓްމަންޓުން ޕޮޒިޓިވްވި މުވައްޒަފުންގެ ޢަދަދު 59 އަކަށް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެމް.އޭ.ސީ.އެލްގެ ކާގޯ ޑިޕާޓްމަންޓުން ކޯވިޑް-19 ޕޮޒިޓިވްވި މީހުންގެ ޢަދަދު 57 އަރާފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، އެމް.އޭ.ސީ.އެލްގެ ކްލަސްޓަރ އާއި ގުޅިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު މީހަކު ޕޮޒިޓިވްވެފައި ވާކަމަށާއި، އެ ކްލަސްޓަރއިން ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 57 އަކަށް މިހާރު އަރާފައިވާކަމަށެވެ. އަދި މި ކްލަސްޓަރގެ ތެރެއިން ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި 77 މީހަކު ދެނެގަނެވި، އެ މުވައްޒަފުން އެކަހެރިކޮށް ކަރަަންޓީންކޮށްފައިވާކަމަށާއި، ޙާލަތު ބެލުމުގެ ކަންކަން އަދިވެސް ކުރަމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެމް.އޭ.ސީ.އެލްގެ ސްޓާފުންގެ އިތުރުން އެތަނަށް އަންނަ ވަރަށް ގިނަ އިތުރު ބަޔަކާވެސް ބައްދަލުވާ ސަރަޙައްދެއްކަމުން އިތުރު މުއައްސަސާތަކާއި އެހެނިހެން ޕްރައިވެޓް ކޮމްޕެނީޒްތަކާއި ތަންތަނުގެ މީހުންގެވެސް ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތްތައް ކުރިއަށް އެބަދޭ. މި ކްލަސްޓަރއާއި ގުޅިގެން އެޗް.އީ.އޯ.ސީގެ ޓީމެއް މިދިޔަ އަންގާރަ ދުވަހު އެއަރޕޯޓަށްގޮސް ކާގޯ އޭރިއާގެ މަސައްކަތްތައް ހިނގާގޮތާއި އެތަނުގެ ތެރޭގައި އެޅިފައިހުރި ފިޔަވަޅުތައް ވަނީ ބަލާފައި. އަދި މިހާރު އެމް.އޭ.ސީ.އެލްގެ ފަރާތުން އެތަނުގައި މަސައްކަތް ކުރާ އެހެން މުައްސަސާތަކާވެސް ގުޅިގެން ކަންކަން ރަނގަޅުކުރުމަށް ޕްލޭނެއް އެކުލަވާލާ އެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި ކޯވިޑް-19 ބަލި ޖެހުނު މީހުންގެ ޢަދަދު އިތުރުވެފައި ވަނީ ރަށްފަޅު ހުރާ ނަމުގައި ހަދަމުންދާ ރިސޯޓަކުން އިތުރު މުވައްޒަފުންތަކެއް ޕޮޒިޓިވްވުމާއި، މާލޭ ސަރަޙައްދުގައި އޮތް ޔޮޓެއްގައި ތިބި ބަޔަކު ޕޮޒިޓިވްވެފައި ވާކަމަށެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ކޯވިޑް-19 ޕޮޒިޓިވްވި 68 މީހުންގެ ތެރޭގައި ރަށްފަޅު ހުރާއިން ޕޮޒިޓިވްވި 15 މީހަކާއި، މާލޭ ސަރަޙައްދުގައި އޮތް ޔޮޓަކުން ޕޮޒިޓިވްވި 14 މީހުންނާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހަދަމުންދާ ސަރަޙައްދުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއްވެސް ހިމެނޭކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރަށްފަޅު ހުރާއިން އަލަށް ޕޮޒިޓިވްވި 15 މީހުން ހިމެނޭހެން އެ ރިސޯޓުން ޖުމްލަ 53 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެފައިވެއެވެ. 4 ރަށެއް ހިމެނޭހެން ތަރައްޤީކުރާ އެ ރިސޯޓުގެ އެސެސްމެންޓް ހެދުމަށް މިމަހުގެ 18 ވަނަ ދުވަހު އެޗް.އީ.އޯ.ސީގެ ޓީމެއް އެ ރިސޯޓަށްގޮސް އިތުރު ސާމްޕަލްތައްވެސް ނަގާފައިވާކަމަށް އެ ސެންޓަރުން ވިދާޅުވެއެވެ. އަދި މި ކްލަސްޓަރއާއި ގުޅިގެން މިހާތަނަށް 130 މުވައްޒަފަކު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވި، ކަރަންޓީންކޮށްފައިވާކަމަށްވެސް އެޗް.އީ.އޯ.ސީން ވިދާޅުވެފައިވެއެވެ.