ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް މިވަގުތު ރާއްޖޭގައި 33،776 އެނދު އޮޕަރޭޝަނަށް ނެރެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަން ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ. ނަމަވެސް ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ރަނގަޅުވަމުން އަންނަ މިންވަރަށް ބެލުމަށްފަހު ޓޫރިޒަމް މިނިސްޓްރީއާއި ކަމާގުޅުންހުރި ފަރާތްތަކުން އަންނަނީ ފަތުރުވެރިންނަށް ޚިދުމަތްދިނުމުގެ ހުއްދަ ދޫކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 15އިން މިމަހުގެ 18ގެ ނިޔަލަށް ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް 33،776 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. މިއީ މުޅި ޖުމްލަ 349 ފެސިލިޓީއެކެވެ. އޭގެތެރޭގައި ހިމެނެނީ 125 ރިސޯޓާއި، 189 ހޮޓެލް އަދި ގެސްޓްހައުސްއާއި، 122 ސަފާރީ އުޅަނދެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ތަންތަން ބަންދުކޮށްފައި އޮތުމަށްފަހު ރިސޯޓް އަދި ސަފާރީތައް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވަނީ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ. އަދި ގެސްޓްހައުސްތައް ހުޅުވާލުމުގެ ހުއްދަ ދީފައިވަނީ އޮކްޓޯބަރ މަހުގެ 15ވަނަ ދުވަހުއެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 59،105 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވަމުން އަންނައިރު ފަތުރުވެރިން ރާއްޖެ އަންނައިރު ކޯވިޑް-19އަށް ޓެސްޓްކޮށްފައިވާ 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓެއް އޮންނަން ޖެހެއެވެ.
ޓޫރިޒަމް މިނިސްރީން މިހާރު ވަނީ ފަތުރުވެރިންނަށް ސްޕްލިޓް ސްޓޭގެ ހުއްދަވެސް ދީފައެވެ. މީގެ ސަބަބުން ފަތުރުވެރިންނަށް ޚިދުމަތްދޭ އެއް ފެސިލިޓީން އަނެއް ފެސިލިޓީއަށް ދެވޭނެއެވެ. އެގޮތުން ރިސޯޓްތަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށްވެސް ގެސްޓްހައުސްތަކަށް އަދި ސަފާރީތަކަށް ދިއުމަށް ހުރަހެއް ނެތެވެ.