ޚަބަރު

ކޯވިޑް-19 : މާލެ ސަރަހައްދުގެ ކޭސްތައް އިތުރުވެ، މިއަދު 94 މީހުން ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 94 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 12000އައަށްވުރެ މައްޗައަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00އިން ހުކުރު ދުވަހުގެ އިރުއޮއްސި 18:00އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 49 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރަށްރަށާއި ރިސޯޓްތައް ހިމެނޭހެން އަތޮޅުތަކުން 45 މީހުން ޕޮޒިޓިވްވެފައި ވާކަމަށެވެ.

އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 94 މީހުންގެ ތެރެއިން 38 މީހުންނަކީ، ދިވެހިންނެވެ. އަނެއް 56 މީހުންނަކީ ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 12,546 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ މިއަދު ރިސޯޓްތަކާއި ރަށްރަށް ހިމެނޭގޮތަށް އަތޮޅުތަކުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރަށްފަޅު ހުރާއިން ޕޮޒިޓިވްވި 42 މީހުން ހިމެނޭކަމަށެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 22 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11497އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 37 ދިވެހިންނާއި، 8 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 45 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު މަދުވަމުން ދިއުމަށްފަހު މިހާރު ވަނީ އަނެއްކާވެސް ޕޮޒިޓިވް ކޭސްތައް އިތުރުވާން ފަށާފައެވެ. އެގޮތުން ރާއްޖޭގައި މިބައްޔަށް ފަރުވާދޭ މީހުންގެ މިހާރުގެ އަދަދަކީ 997އެވެ. އަދި 320މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. ކޯވިޑް-19 ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވާން ފަށާފައިވާއިރު މިހާރު އެޑްމިޓްކޮށްގެން 80 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1678 ސާމްޕަލެއް ވަނީ ނަގާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ 13 ރަށަކާއި، 27ރިސޯޓެއްގައި ކޯވިޑް-19 ގެ ޕޮޒިޓިވް މީހުން އެބަތިބިކަމަށެވެ. އެގޮތުން އަތޮޅުތަކުން 5 ދިވެހިންނަށާއި، 12 ބިދޭސީންނަށް ކޯވިޑުޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައި ވެއެވެ. އަދި ރިސޯޓުތަކުން 42 ފަތުރުވެރިއަކާއި، 158 މުވައްޒަފަކު މިވަގުތު ޕޮޒޮޓިވްވެފައި އެބަތިބި ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ