ކޯވިޑް-19

ކޯވިޑް-19 : ބިދޭސީންގެ ތެރޭގައިވެސް ބަލި އޮތް މިންވަރު ދެނެގަތުމަށް އެންޓިބޮޑީ ސަރވޭ ހަދަނީ


ބިދޭސީންގެ ތެރޭގައިވެސް ކޯވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ސީރޯ ޕްރިވަލެންސް ސަރވޭގެ ތެރެއިން އެންޓިބޮޑީ ޓެސްޓް ހެދުމަށް ނިންމާފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ފަށާފައިވާ ސީރޯ ޕްރިވަލެންސް ސަރވޭގެ ދަށުން މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިންވެސް އެންޓިބޮޑީ ސާމްޕަލްތައް ނެގުމަށް ނިންމާފައިވާކަމަށެވެ. އަދި ބިދޭސީންގެ ސާމްޕަލްތައް ނެގުމަށް ރެޕިޑް ރެސްޕޯންސް ޓީމު، އާރް.އާރް.ޓީގެ ފަރާތުން މަގުމަތީގައި ހަރަކާތްތެރިވަމުންދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މަގުމަތީގައި ހަރަކާތްތެރިވާ އާރް.އާރް.ޓީގެ މެމްބަރުންގެ ކިބައިން އެންޓިބޮޑީ ޓެސްޓް ހެދުމަށް ބައެއް ދިވެހިން އެދެމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި، އެހެންނަމަވެސް މި ސަރވޭގެ ދަށުން ދިވެހިންގެ ތެރެއިން ނެގުމަށް ކަނޑައެޅިފައިވާ އެންޓިބޮޑީ ސާމްޕަލްތަކުގެ އަދަދު މިހާރު ހަމަވެފައިވާކަމަށެވެ.

"އެހެންނަމަވެސް މިވަގުތު އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަގެންދަން މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރޭގައިވެސް ބަލި އޮތް މިންވަރު ދެނެގަތުމަށްޓަކާ ނޫނީ އެމީހުންނަށް ކުރިން ބަލި ޖެހިފައިހުރި މިންވަރު ދެނެގަތުމަށްޓަކާ ހަމަ އެމީހުންގެ ތެރޭގައިވެސް ސީރޯ ސަރވޭ. މިވަގުތު އަޅުގަނޑުމެން އާރް.އާރް.ޓީތަކުން ބިދޭސީންގެ ސާމްޕަލް މަގުމަތީގައި ނަގަމުން ގެންދާނެ. ވަރަށް ގިނަ ދިވެހި ބޭފުޅުންވެސް އެބަ ރިކުއެސްޓް ކުރައްވާ އެތަންތަނުން ސާމްޕަލް ނަންގަވަން. އެކަމަކު މިވަގުތު ދިވެހިންގެ ސާމްޕަލް ނަގާ އަދަދު ހަމަވެފައިއޮތީ. އެހެންވީމަ މިވަގުތު އަޅުގަނޑުމެން ބިދޭސީންގެ އެކަނި އެންޓިބޮޑީ ސާމްޕަލް ނަގަމުން މިދަނީ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ސީރޯ ޕްރިވަލެންސް ސަރވޭއަށް ދިވެހިންގެ ތެރެއިން ނަަގަންޖެހޭ ސާމްޕަލްތައް ނެގުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެ ޑޭޓާތައް އެނަލައިޒްކުރުމުގެ މަސައްކަތްކަމަށާއި، އަންނަ ހަފްތާގައި މި ސަރވޭއިން ހޯދުނު ހޯދުންތައް އާންމުކުރައްވާނެކަމަށެވެ.

ސީރޯ ޕްރިވެލަންސް ސަރވޭއަކީ، ރާއްޖޭގައި ކޯވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ގްރޭޓަރ މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން މި ބައްޔަށް ހުށައެޅިފައިވަނީ އާބާދީގެ ކިތައް އިންސައްތަ މީހުންތޯ ދެނެގަނެ، ކޯވިޑް-19 އިތުރަށް ފެތުރިގެންދާ ބާރުމިނާއި، ޕޮލިސީތަކަށް އިތުރަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭއެކެވެ.