ދުނިޔެ

ކޯވިޑްގެ ވެކްސިން ބޭނުމެއް ނުކުރާނަން - ބްރެޒިލްގެ ރައީސް


ކޯވިޑް-19އާއި ދެކޮޅަށް އުފައްދާ ވެކްސިނެއް ބޭނުން ނުކުރައްވާނެކަމަށް ބްރެޒިލްގެ ރައީސް ޖައީޚް ބޮލްސޮނާރޯ ވިދާޅުވެއްޖެއެވެ.
މީސްމީޑިޔާގެ އެކި ވަޞީލަތްތަކުން ވަގުތުން ދުރަށް ދެއްކި ބަޔާނެއްގައި ބޮލްސޮނާރޯ ވިދާޅުވީ ބްރެޒިލުގެ ޤާނޫނު ހަދާ މަޖިލީހުން އެ ޤައުމުގެ ރައްޔިތުންނަށް ވެކްސިން ބޭނުންކުރުމުގައި އިޚްތިޔާރު ދޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި ބައްޔާއި ދެކޮޅަށް އުފައްދާ ވެކްސިނެއް އެމަނިކުފާނު ބޭނުން ނުކުރައްވާނެކަމަށާއި ވެކްސިން ބޭނުންކުރުމަށް ދެކޮޅު ހެދުމަކީ އެމަނިކުފާނަށް ލިބިގެންވާ ހައްޤެއްކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، މާސްކު އެޅުމުން ކުރާ ފައިދާއާއި މެދު ބޮލްސޮނާރޯގެ ބަޔާނުގައި އެމަނިކުފާނުވަނީ ސުވާލު އުފައްދަވާފައެވެ. މާސްކު ބޭނުންކުރުމުން ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެހީތެރިވެދޭކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް ދޭހަވާފަދަ މޭރުމަކުން ވަނީ ވާހަކަދައްދަވާފައެވެ.

މިވަގުތު ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތީ ބްރެޒިލެވެ. ބްރެޒިލުގައި މިހާތަނަށް 5.2 މިލިއަން މީހުންނަށް ބަލިޖެހި 171،497 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 37،672 މީހުންނަށް ބަލިޖެހި 698 މީހުންވަނީ މަރުވެފައެވެ.

ބްރެޒިލުގައި ކޯވިޑް ފެތުރެން ފެށުމުން އެ ޤައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި މެދު ގިނަ ބަޔަކުވަނީ ހިތްހަމަނުޖެހިފައެވެ. ރައީސް ބޮލްސޮނާރޯވަނީ ކޯވިޑްއަކީ އާދައިގެ ރޯގާއެއްކަމަށް ސިފަކުރައްވާ ބަލިން ރައްކާތެރިވުމަށް އަޅައި ފިޔަވަޅުތައް އުވާލައި ކުރީގެ ޙާލަތަށް ރުޖޫޢަވާންޖެހޭކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ރައީސް ބޮލްސޮނާރޯއަށް ކޯވިޑް ޖެހިވަޑައިގަތުމުންވެސް ބައްޔާއި މެދު ދެކިވަޑައިގަންނަވާ ގޮތް ބަދަލުކުރައްވާފައެއް ނުވެއެވެ. ބްރެޒިލުގެ ޙާލަތު ގޯސްވެގެން ދިޔައީ އެދެވޭ ފިޔަވަޅު ނޭޅުމުގެ ސަބަބުންކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.