ޚަބަރު

"ބިން ބޮޑެތި ރަށްރަށުން ބިން ވިއްކޭނެގޮތް ހެދުމަކީ ތަރައްޤީއަށް މަގުފަހިވާނެކަމެއް"


ބިން ބޮޑެތި ރަށްރަށުން އެހެން ރަށްރަށުގެ މީހުންނަށް ބިން ވިއްކަން ފެށުމަކީ ރަށްރަށުގެ ތަރައްޤީއަށް މަގުފަހިވާނެކަމެއްކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްސްޓްރަކްޗަރ މުޙައްމަދު އަޞްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ ބިން ހުރި ރަށްރަށުން ބިން ގަތުމުގެ ފުރުޞަތު ހުޅުވާލައިފިނަމަ ރަށްރަށުން ބިން ގަންނަ މީހުންގެ ފަރާތުން އެ ރަށްރަށަށް ތަރައްޤީއާއި އިތުރު މަންފާ ކުރާނެކަމަށެވެ.

"ބިމަކީ ވިޔަފާރި ކުރެވޭ އެއްޗަކަށް ވުމުން ރަށުގެ ގޮނޑުދޮށުން ނެއްޓި އެހެން ރަށުގެ ރައްޔިތުންނަށްވެސް އެ ރަށެއްގެ ބިމުގެ ބޭނުން ކުރެވޭނެ ގޮތް ހެދުމުގެ ވިސްނުން ގެންނަން އެބަޖެހޭ. އަޅުގަނޑު ހިސާބު ޖަހާލީމަ ފުދޭވަރަކަށް ގިނަ ލާރި ލިބޭގޮތަށް ރާއްޖޭގެ ރަށްތަކުގެ ބިމުގެ އަގު އެބަހުރި." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ރާއްޖޭގެ ބައެއް ރަށްރަށުގައި ބިންހުރި މިންވަރާއި ބިން ވިއްކޭނެ މިންވަރުވެސް މިހާރު ބަލާފައިވާކަށެވެ. އަދި މިވަގުތު ބިން ވިއްކޭނެ ބޭސް ރޭޓްވެސް ކަނޑައަޅާ އެވަރަށް ވިކިއްޖެނަމަ ލިބޭނެ ޢާމްދަނީވެސް ކަނޑައަޅާފައިވާނެކަމަށެވެ. މީގެއިތުރުން ބިން ވިއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހާއި ރަށު ކައުންސިލްގެ ޚިޔާލު ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ލަފާ ދެއްވާފައިވާކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަޖިލިސް ރިސެސްއަށް ދިއުމުގެ ކުރިން އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށެވެ.

ރާއްޖޭގެ އެކި ރަށްތަކަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި މިހާރުވެސް ބިން ހިއްކުމުގެ އެކި މަޝްރޫއުތައް ކުރިއަށްގެންދެއެވެ. އެގޮތުން ބިން ހިއްކުމާއި މަގު ހެދުމަށް ޖުމްލަ 1،029.9 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ޕީ.އެސް.އައި.ޕީގެ ގޮތުގައި ހިމަނާފައިވެއެވެ.

ރާއްޖޭގެ އެކި ރަށްރަށާއި ސަރަޙައްދުތަކުގައި ހިއްކާފައިވާ ބިންތަކުން ރައްޔިތުންނަށް އޭގެ ފައިދާ ލިބޭ ގޮތަށް އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ނޫން އެހެން މީހުންނަށް ބިމުގެ ވަކިމިންވަރެއް އެކި ބޭނުންތަކަށް ވިއްކުމަށް 2021ގައި ހުޅުވާލުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ބައެއް ރަށްތަކުގެ މޫދުގެ ވަކި ސަރަޙައްދެއް ހިމެނޭގޮތަށްވެސް ބިން ދޫކުރުމަށް ހުޅުވާލުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ދައުލަތުން ޚަރަދުކޮށްގެން ހިއްކާފައިވާ ބިންތަކުގެ %30 ވިއްކުމަށާއި ލެގޫން ލޭންޑް ކޮންސެޕްޓެއް ތަޢާރަފްކުރުމަށްފަހު، ފަޅުގެ ސަރަހައްދުންވެސް ކަނޑައެޅޭ ވަކި ޤަވާއިދުތަކެއްގެ ތެރެއިން އެކި ކަންކަމަށް ތަރައްގީކުރުމަށް އަންނަ އަހަރު ހުޅުވާލާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ. މިކަންކަމުން 2021ވަނަ އަހަރު ޖުމުލަ ގޮތެއްގައި އިތުރު 300 މިލިއަން ރުފިޔާ ދަޢުލަތައް ލިބޭނެކަމަށް އަންނަ އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.