ޚަބަރު

މަސްތުވާތަކެތިން ދުރުވާ ޒުވާނުންނަށް ޕްރޮގްރާމްތައް ހިންގާ މަރުކަޒެއް ލ.ކަޅައިދޫގައި ޤާއިމްކުރަނީ


މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާގެ މަރުޙަލާ ފުރިހަމަކުރާ ޒުވާނުންނަށް، ދިރިއުޅުމުގެ ހުނަރާއި، ތަޢުލީމާއި، ތަރުބިއްޔަތުގެ ޕްރޮގްރާމްތައް ހިންގާނެ މަރުކަޒެއް ހައްދުންމަތީ ކަޅައިދޫގައި ޤާއިމުކުރަން ސަރުކާރުން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްޙޫރިއްޔާ ހައްދުންމަތީ ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ލ. ގަމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ޒުވާނުން މަސްތުވާތަކެއްޗާ ދުރުކުރުމަށް، އަންނަ އަހަރު ތެރޭގައި މުހިންމު މަސައްކަތްތަކެއް ސަރުކާރުން ފަށްޓަވާނެ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، ޢާއިލާތަކުގައި ދިރިއުޅުމުގެ ފުރުޞަތު ގެއްލި މަގުމަތިވެފައިވާ ޒުވާނުން އަނބުރާ މުޖްތަމަޢަށް ގެނައުމަކީ، މިއަދު ކުރަންޖެހިފައިވާ މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ އެތައް އަހަރެއްވެގެން ދިޔައިރުވެސް އަޅާނުލެވި، ޙައްލުނުކުރެވި މިއަދުގެ ސަރުކާރާއި ހަމައަށް ވާރުތަވެފައި އޮތް އިޖްތިމާޢީ އަދި އިޤްތިޞާދީ ބޮޑު މައްސަލައެއްކަމަށެވެ. އެހެންވުމުގެ ސަބަބުން ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ އެފަދަ ޒުވާނުން، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށް، ބިނާކުރަނިވި ބައެއްގެ ގޮތުގައި މުޖްތަމަޢަށް އަނބުރާ ގެނައުމަށްކަމަށެވެ.

"ސަރުކާރުން މިކަމަށް އެކުލަވާލި ޚާއްސަ އެކްޝަން ޕްލޭންގެ ދަށުން، ޒުވާނުން މަސްތުވާތަކެއްޗާ ދުރުކުރުމަށް، އަންނަ އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ފެށޭނެ. އެގޮތުން، ޖަލުގައި މަސްތުވާތަކެތީގެ ނެޓްވޯކްތައް އޮޕަރޭޓްކުރުން ހުއްޓުވުމާއި، މަސްތުވާތަކެތީގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރުން ހުއްޓުވުމަށް، ޚާއްޞަ ސަމާލުކަމެއް ދެވޭނެ" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރެއް ޤާއިމުކުރުމުގެ އިތުރުން، ކުޑަކުދިންގެ ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުމާލޭގައި ޤާއިމުކޮށް، މަސްތުވާތަކެތީގެ މައްސަލަތައް ޝަރީއަތުން އަވަސްކުރުމަކީވެސް އެކްޝަން ޕްލޭންގެ މުހިންމު ބައެއްކަމަށް ވިދާޅުވެ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށް އެމީހުންނަށް އަނބުރާ މުޖުތަމަޢަށް ނެރުމަށް ހިންގާނެ މަރުކަޒެއް މިހާރު ފުލުހުންގެ ބޭނުމަށް ހައްދުންމަތީ ކަޅައިދޫގައި ޤާއިމުކުރަން ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާވަނީ އިޢުލާންކުރައްވާފައެވެ.

"ސަރުކާރުން މިހާރު ނިންމާފައިވަނީ، މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާގެ މަރުޙަލާ ފުރިހަމަކުރާ ޒުވާނުންނަށް، ދިރިއުޅުމުގެ ހުނަރާއި، ތަޢުލީމާއި، ތަރުބިއްޔަތުގެ ޕްރޮގްރާމްތައް ހިންގާނެ މަރުކަޒެއް މިއަތޮޅު ކަޅައިދޫގައި ޤާއިމުކުރަން. އެމަރުކަޒަށް ގެންނަ ޒުވާނުންނަށް ބޭނުންވާ އެންމެހައި ޚިދުމަތްތަކާއި ވަސީލަތްތައް ވެސް އެތަނުގައި ޤާއިމުކުރެވޭނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުގެ ވިސްނުމަކީ، އެމަރުކަޒުގެ ޕްރޮގްރާމްތައް ފުރިހަމަކުރާ ޒުވާނުންނަށް، އިތުރު ތަޖުރިބާ ހޯދުމުގެ ފުރުޞަތުތަކާއި، އާމްދަނީ ހޯދާނެ އަމިއްލަ މަސައްކަތެއް ފަށައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.