ޚަބަރު

ހިތަދޫ ޕޯޓްސް ލިިމިޓެޑްގެ ކުރީގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރުގެ މައްޗަށް ދަޢުވާކޮށްދިނުމަށް ފޮނުވައިފައި


ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ކުރީގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައަކީ، އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންތަކަކަށް، އޮފީހަށް ހާޒިރުވާން ނުޖެހޭގޮތަށް އަދި ޗުއްޓީއެއް
ނެގުމަކާނުލައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ކެމްޕެއިނަށް ވަޒީފާއިން ވީއްލައި، އެ ދުވަސްތަކަށް މުވައްޒަފުންނަށް މުސާރަ ދީފައިވާކަމަށާއި، އެކަން ކޮށްފައިވަނީ އެކުންފުނީގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުރި މުޙައްމަދު ރަޝީދުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށް، އޭނާގެ އެންގުމަށް ކަމަށް ބުނެ އޭސީސީއަށް ހުށައަޅާފައިވާ މައްސަލައެކެވެ.

އޭސީސީން ވިދާޅުވީ 2018 ވަނ ައަހަރުގެ ޖޫންމަހުގެ 19 ވަނަ ދުވަހު ކުންފުނީގައި މަސައްކަތްކުރާ 16 މުވައްޒަފަކު އެ ކުންފުނީގެބޭނުމަކަށް ކަމަށް ބުނެ، މަސައްކަތުގެ ޒިންމާއިން ވީއްލައިދިނުމަށް އެދި ކުންފުނީގެ ކަމާގުޅޭ ޑިޕާޓްމަންޓަށް އަންގާފައިވާކަމަށާއި، 2018 ވަނަ އަހަރުގެ ޖުލައި މަހާއި ސެޕްޓެންބަރު މަހާ ދެމެދު 12 މުވައްޒަފަކު ރިލީޒްގައި ތިބިއިރު، މި މުވައްޒަފުން އޮފީހަށް ޙާޟިރުނުވާ ދުވަސްތަކަށްވެސް މުސާރައާއި އެލަވަންސް ދީފައިވާކަން ތަހުޤީގަށް އެނގިފައިވާކަމަށެވެ.

އެހެންކަމުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްވަރު ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް ދީފައިވާ ރިލީޒްއަކީ، ރިލީޒްދިނުމުގައި ޢަމަލުކުރަމުންދާގޮތާ ޚިލާފަށް ދީފައިވާ ރިލީޒްއެއްކަން މި މައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށާއި، އެގޮތުން، އެ ދުވަސްވަރު ރިލީޒް ދީފައިވާ މުވައްޒަފުން އޮފީހަށް ޙާޟިރުނުވި ނަމަވެސް، އެފަރާތްތަކުން އޮފީހަށް ޙާޟިރުވިކަމަށް ދެއްކުމަށްޓަކައި، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެޓެންޑެންސް ސިސްޓަމަށް ބަދަލުގެނައުމަށް، މުޙައްމަދު ރަޝީދު، އަންގާފައިވާކަން، މި ފާހަގަކުރެވިފައިވާކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.

އެހެންކަމުން، އެދުވަސްވަރު ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދުވެސް ހިމެނޭގޮތަށް ރިލީޒްދީފައިވަނީ، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރގެ މަޤާމުގައި ހުރި މުޙައްމަދު ރަޝީދު އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމަށާއި، ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް އޭސީސީގެ ތަޙްޤީގުންވަނީ ނިންމާފައެވެ.

މިއާއެކު މުޙައްމަދު ރަޝީދުގެ ޢަމަލަކީ، (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނުނު ގެ 12 ވަނަ މާއްދާގައި ބުނާފަދަ ކުށެއްކަމަށްވާތީ، މުޙައްމަދު ރަޝީދު އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.