ޚަބަރު

ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތައް ގެނައުމުގެ މަސައްކަތް އަންނަ އަހަރު ފަށާނަން - ރައީސް


އަންނަ އަހަރު ސަރުކާރުން ފަށާނެ އެންމެ މުހިންމު އެއް މަޝްރޫޢަކީ ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމް.ޓީ.ސީ.ސީއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި "ކާމިޔާބު 40"ޓީވީ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ލާމަރުކަޒީ ނިޒާމުން އަސާސީ ޚިދުމަތްތައް ދިނުމުގެ މުހިންމުކަން، ކުރިއަށް ވުރެ އެތައް ގުނައެއް، މިހާރު ބޮޑުވެފައިވުމުގެ ސަބަބުން އަންނަ 2021ވަނަ އަހަރުގެ ތެރޭގައި، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޚާއްޞަ އިސްކަމެއް ދޭން ސަރުކާރުން ނިންމާފައިވާކަމަށެވެ.

ކޯވިޑްގެ ސަބަބުން މާލެ ފުރަބަންދުކުރަން ޖެހުމުން، އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތާއި ދަތުރުފަތުރުގެ ނިޒާމު، ތަރައްޤީކުރުން އެތައް ގުނައެއް ހަލުވިކުރަންޖެހިފައިވާ ކަމަށް ޤަބޫލު ކުރެވޭކަމަށާއި، ރާއްޖޭގައި މިހާރުވެސް އެންމެ ގޮންޖެހުން ބޮޑު އަސާސީ ޚިދުމަތަކީ ދަތުރުފަތުރުގެ ޚިދުމަތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވިސްނުންހުރީ އެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ޤަޞްދުކުރާ އެންމެ މުހިންމު އެއް މަޝްރޫޢަކީ، ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް. އެކަން ކުރާނެ ގޮތުގެ ޕްލޭންތައް، ޕްލޭނިންގ މިނިސްޓްރީ އާއި ޓްރާންސްޕޯރޓް މިނިސްޓްރީން މިހާރު ވަނީ އެކުލަވާލާފައި. އަޅުގަނޑުމެންގެ ވިސްނުމަކީ، މިމަޝްރޫޢު އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔުން" ރައީސްުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމުގެ މަޝްވަރާތައް، ޕްލޭނިން މިނިސްޓްރީން ވަރަށް އަވަހަށް އެމް.ޓީ.ސީ.ސީ.އާ އެކީގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށާއި، އުންމީދަކީ، އެމްޓީސީސީގެ ހުރި ތަޖުރިބާއާއެކު އެ މަޝްރޫޢު ކާމިޔާބު މަޝްރޫޢަކަށް ވެގެންދާނެކަމަށެވެ.