ޚަބަރު

ސީލައިފަށް 12 މިލިޔަން ޑޮލަރު ދޭން އަންގާނެ ތަނެއްނެތް - ޙުކުމް


ދަޢުލަތުން ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބާރަ މިލިއަން ޑޮލަރު ދޭން ނުޖޭހޭކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

މިގޮތަށް ޙުކުމްކޮށްފައިވަނީ ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދިވެހި ދައުލަތުގެ ފަރާތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ދެމެދު 2018ވަނަ އަހަރު ސޮއިކޮށްފައިވާ ސެޓްލްމަންޓް އެގްރިމެންޓާ އެއްގޮތްވާ ގޮތުގެ މަތިން ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިވެހި ދައުލަތުން ދައްކަންޖެހޭ 12,000,000.00(ބާރަ މިލިއަން އެމެރިކާ ޑޮލަރު) ހޯދުމަށް ދިވެހި ދައުލަތުގެ މައްޗަށް ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރި ދައުވާގެ ޝަރީޢަތް ނިންމައި އެކޯޓުން އިއްޔެ ކުރި ޙުކުމްގައެވެ.

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހައުސިންގ މިނިސްޓްރީއާ އާދެމެދު 26 ފެބްރުއަރީ 2018 ގައި ސޮއިކޮށްފައިވާ ސެޓްލްމަންޓް އެގްރިމެންޓްގައި ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއެކު އެކަން ބެލުމަށްފަހު ނިންމަންދެން ސެޓްލްމަންޓް އެގްރީމެންޓް ބާޠިލުކޮށްފައިވާކަން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 2018ވަނަ އަހަރުގެ މާޗްމަހުގެ އެއްވަނަ ދުވަހު އަންގާައިވާކަން ވަނީ ޙުކުމްގައި ފާހަގަކުރައްވާފައެވެ.

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި އުފައްދާފައިވާ ކޮމިޝަނުން އެ ސެޓްލްމަންޓް އެގްރީމެންޓްގެ މައްސަލަ ބަލަމުންދާއިރު، އެ ކޮމިޝަނުން ބެލި ލިޔެކިޔުންތައް ހިސާބުކުރުމުން ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ޚަރަދުތައްކަމަށް ސެޓްލްމަންޓް އެގްރީމެންޓްގައި ބަޔާންކޮށްފައިވާ އަދަދާ ދިމާނުވާކަމަށް އެ ކޮމިޝަނުން ބަޔާންކޮށްފައިވާކަމަށް މި މައްސަލައިގައި ޙުކުމުގައިވެއެވެ.

މިއާއެކު އެގްރީމެންޓްގައި އެއްބަސްވެފައިވާ އަދަދުގެ ޞައްޙަކަމާމެދު ސުވާލުއުފެދިފައިވާތީ މިއީ ބާޠިލުކުރުމުގެ އިޚްތިޔާރު ލިބިގެންވާ އެއްބަސްވުމެއްކަމަށްހުކުމްގައިވަނީ ހާމަކޮށްފައެވެ. އަދި ސެޓްލްމަންޓް އެގްރީމެންޓްގައި އެއްބަސްވެފައިވާ އަދަދު ރަނގަޅުކަމަށް އެ އެގްރީމެންޓްގައި ސޮއިކުރިއިރު ހައުސިންގ މިނިސްޓްރީން އެއްބަސްވެފައިވުމަކީ، އެ އަދަދުގެ ޞައްޙަކަމާމެދު މިހާރު ސުވާލުއުފެދުމުން އެ އަދަދުގެ ޞައްޙަކަން ކަށަވަރުކުރުމެއްނެތި، އެގްރީމެންޓްގައި އެއިރު ސޮއިކުރި ކުރުމުގެ މައްޗަށް އެކަނި ބަލައި ސީލައިފަށް ފައިސާ ނަގައިދެވޭނެ ސަބަބެއްކަމަށް ޝަރީޢަތަށް ބުރަވެވެން ނެތްކަމަށް ސިވިލް ކޯޓުންގެ ޙުކުމުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ސެޓްލްމަންޓް އެގްރިމެންޓާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ދެއްކުމަށް ދިވެހި ދައުލަތުގެ މައްޗަށް އަންގާނެ ތަނެއް ނެތްކަމަށް ސިވިލްކޯޓުންވަނީ ކަނޑައަޅާފައެވެ. ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ މީގެ ތިން އަހަރު ކުރިންނެވެ. ނަމަވެސް ކުރީގެ ސަރުކާރުން 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓުން އެނގެއެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް ފަންސާސް ހާހަށްވުރެ ގިނަ ރުފިޔާ ބައެއް މީހުންދައްކާފައިވާއިރު، ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރެއިން 203 މީހަކު ވަނީ ބަދަލު ހޯދުމަށް ސިވިލްކޯޓަށް އެ މައްސަލަ ހުށައަޅާފައެވެ.

މަކަރާއި ޙީލަތުގެ މައްސަލާގައި ފުލުހުން އަންނަނީ ސީލައިފުގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު ހޯދުމުންނެވެ. އަދި އޭނާ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސްވެސް ވަނީ ނެރެފައެވެ.